"މުންނާބާއީ" ސީރީޒް އާއި "3 އިޑިއަޓްސް" ފަދަ ކާމިޔާބް ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ރާޖް ކުމާރް ހިރާނީގެ އާ ފިލްމް "ޕީކޭ" ގެ މުހިއްމު ރޯލަކަށް އަރްޝަދު ވަރްސީ ސޮއިކޮށްފި އެވެ.
އެހެން ނަމަވެސް އާމިރް ހާނާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅޭ އެ ފިލްމްގައި އަރްޝަދު އަދާ ކުރާ ރޯލާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. މިއީ ހިރާނީ އާ އެކު އަރްޝަދު މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ.
އޭނާ ވަނީ "މުމްނާބާއީ އެމްބީބީއެސް" އާއި "ލަގޭ ރަހޯ މުންނާބާއީ" ގައި ސަންޖޭ ދަތާ އެކު މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި 2009 ވަނަ އަހަރުގެ "3 އިޑިއަޓްސް" އަށް ފަހު، ހިރާނީ ޑައިރެކްޓް ކުރާ "ޕީކޭ" އިން ސުޝާންތު ސިންގް ވެސް ފެނިގެން ދާނެ އެވެ. ޓީވީ ސިލްސިލާތަކުގައި މަސައްކަތް ކޮށްފައިވާ ސުޝާންތުގެ ފުރަތަމަ ބޮލީވުޑް ޕްރޮޖެކްޓަކީ ފެބްރުއަރީ 22 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަބީޝެކް ކަޕޫރުގެ "ކައި ޕޯޗޭ" އެވެ.
މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ ޗެތަން ބަގަތުގެ "3 މިސްޓޭކްސް އޮފް މައި ލައިފް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ހިރާނީގެ "3 އިޑިއަޓްސް" އަކީ ވެސް ޗެތަންގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން" ގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ.