Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

"ތެލުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭ"

ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ޚަރަދު ކުރަން ޖެހެނީ ތެލަށް ކަމަށާއި، ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް 500 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ތެލުގެ ސަބްސިޑީޒަށް ޚަރަދު ކުރަން ޖެހުމަކީ ރާއްޖެ އަށް ކެތް ކުރެވޭ ވަރުގެ ކަމެ އްނޫން ކަމަށް ވިދާޅުވެ، މިކަމާ ދޭތެރޭގައި ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީން އިންތިޒާމްކޮށްގެން ހިންގާ
"ފަހި އަލި" ޕްރޮގްރާމް އިފްތިތާޙް ކުރެއްވުމަށްޓަކައި އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކަރަންޓު ޚަރަދު ކުޑަކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މިއަދު މި ފެށިގެން ދިޔަ ފެހިއަލި ޕްރޮގްރާމަކީ މި ގޮތުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި "ފަހި އަލި" ޕްރޮގްރާމަށް ޗައިނާގެ ހިލޭ އެހީގެ ގޮތުގައި 250،000 ލެޑް ލައިޓު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދެއްވި ކަމަށްޓަކައި ޗައިނާ ސަރުކާރަށް، ޚާއްޞަކޮށް، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި މި ލައިޓުތައް ހަރު ކުރުމުގެ ސަބަބުން ސަރުކާރުން ކުރައްވާ ޚަރަދުގެ ތެރެއިން އަހަރަކު 85 މިލިއަން ރުފިޔާ ކުޑަވެގެން ދާނެކަން ރައީސް ހާމަ ކުރެއްވި އެވެ.

ޗައިނާގެ ސަރުކާރުން ލިބުނު ހޮޅި ބުރިތައް ސަރުކާރުގެ ހުރިހާ ޢިމާރާތްތަކެއްގައި ހަރު ކުރެއްވުމަށް ގަސްދު ކުރައްވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި ހޮޅިބުރިތައް ފުރަތަމަ ހަރު ކުރައްވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގައި ކަމަށާއި، މިގޮތުން ރައީސް އޮފީހުގެ ހޮޅި ބުރިތައް މިއަދު ބަދަލުކުރައްވައިފި ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި މި ހޮޅިބުރިތައް އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ލިބުމުގެ ފުރްޞަތު ވެސް އެބައޮތް ކަމަށާއި، ބަނދަރުމަތީގައި ހުންނަ ހޮޅިބުރިތައް ވެސް މި ޕްރޮގްރާމުގެ ދަށުން ލެޑް ލައިޓްސް އަށް ބަދަލު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމަކީ ހަމައެކަނި މާލެ އަށް ނޫނީ ސަރުކާރަށް ކަނޑައެޅިފައި އޮތް ޕްރޮގްރާމެއް ނޫން ކަމަށާއި، މިއީ، ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ބައިވެރިވެގެން ބޮޑު ސްކޭލެއްގައި ހިންގޭ މިފަދަ އެންމެ ފުރަތަމަ އެއް ޕްރޮގްރާމް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މިހާރަށް ވުރެ އިޤްތިޞާދު ކު ޑަކުރެވޭ ގޮތަކަށް ކަރަންޓް އުފައްދަން ޖެހޭ ކަމަށާއި، އެންމެ ފަސޭހައިން ރާއްޖޭގައި ކަރަންޓް އުފެއްދެން އަންނަނީ އިރުގެ އަވި ބޭނުންކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.