Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

20 ރަށެއްގެ ނަރުދަމާ އެއްބަސްވުމުގައި ސޮއިކޮށްފި

20 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް 866 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ފެނަކަ ކޯޕަރޭޝަނުން ސްރީ ލަންކާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ. އަދި ލަންކާގެ ހޭކާބް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިއަ ވަސްނާ އެވެ.

"ނަރުދަމާ އިން އުއްމީދީ ދިރިއުޅުމުގެ މަޝްރޫއު"ގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި ނަރުދަމާ ގާއިމުކުރަން ހަމަޖެއްސި ރަށްތަކަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫ އެވެ.

މި ރަށްތަަކުގެ ތެރެއިން މަތިވެރީގެ ނަރުދަމާ ގާއިމުކުރުން، އެހެން މަޝްރޫއެއްގެ ދަށުން މިހާރު އެހެން ކުންފުންޏަކާ ހަވާލު ކޮށްފައިވާތި އެ ރަށުގެ ބަދަލުގައި އެހެން ރަށެއް، ހޭކާބް ކުންފުންޏާ ހަވާލުކުރަން ފެނަކަ އިން ވަނީ ނިންމާފަ އެވެ.

ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ފެނަކަ އިން ނުބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ލައްމާން ވިދާޅުވީ ނަރުދަމާއިން އުއްމީދީ ދިރިއުޅުމަކީ ރިޔާސީ ކެމްޕެއިންގައި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެއް ކަމަށްވާއިރު، މިއަދަކީ އެ ކުންފުންޏަށް ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާގައި ޤާއިމުކޮށްފައިވާ ކަމަށާއި މިއަދު ސޮއި ކުރެވުނު ރަށްތަކާއެކު 83 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރެވެމުންދާނެ ކަމަށެވެ.