Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިމްރާންގެ ހުވާގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެނީ

އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް، ހުރިހާ ސާކް ޤައުމްތަކެއްގެ ލީޑަރުންނަށް ދައުވަތު ދިނުމާއިމެދު ވިސްނަމުންދާ ކަމަށް އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި އިންތިޚާބަށްފަހު ޕީޓީއައި އިން ވަނީ ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ މެޖޯރިޓީ ހޯދާފައެވެ. އިމްރާން ޚާން އިއްޔެ ހާމަކުރެއްވި ގޮތުގައި އޭނާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ 11 އޮގަސްޓް ވާ ހޮނިހިރު ދުވަހު އެވެ.

ޕީޓީއައި ގެ ލީޑަރަކާއި ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކުރާ ގޮތުގައި ޕީޓީއައި އިން ދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު ސާކްގެ ހުރިހާ ޤައުމްތަކެއްގެ ލީޑަރުންނަށް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުމާއިމެދު ވިސްނަމުން ކަމަށާއި، އެކަމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ޕީޓީއައިގެ ތަރުޖަމާނު ފަވާދް ޗޯދުރީ ވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ނާރުވާނެ ކަމަށް ވިދާޅެއް ނުވެއެވެ.

އިމްރާން ޚާންގެ ޕާޓީއަށް އިންތިޚާބުގައި ލިބުނު ކާމިޔާބަށް މަރުޙަބާ ވިދާޅުވުމަށް މޯދި ވަނީ އިއްޔެ އިމްރާން ޚާން އަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައި މޯދީ ވިދާޅުވީ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އޮންނަ އޮންނަ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖަވާބުގައި އިމްރާން ޚާން ވަނީ މޯދީ އަށް ޝުކުރުއަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައިވާ މައްސަލަތައް މަޝްވަރާކޮށްގެން ޙައްލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ބަދަހިވުމަކީ އެންމެންނަށް ވެސް ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށެވެ.

އަދި އިންޑިއާގެ އިސްވެރިން އެކަމަށް ތައްޔާރުނަމަ، ދެ ޤައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އޮތީ ތައްޔާރަށް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.