Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

މަސައްކަތް ކުރަން އެންމެ ރަނގަޅު ތަނަކަށް ބީއެމްއެލް

އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި ވަނީ ބީއެމްއެލް އިން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ.

ބީއެލްއެލްގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމްއެވެ.

އެ އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ސަހާ ވިދާޅުވީ ބެސްޓް އެމްޕްލޯޔަރުގެ އެވޯޑް މި އަހަރުވެސް ބީއެމްއެލް އަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމުގެ މުހިންމުކަން ބީއެލްއެލްއިން ދަންނަ ކަމަށާއި، މި އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ގެނެސްދިނުމަށްޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންނިކަން ފާހަގަކޮށްލެވޭ. ބީއެމްއެލްގެ މެޖޯރިޓީ މުވައްޒަފުންނަކީ ދިވެހި ރައްޔިތުންނެވެ.