Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ވީއައިއޭ އަށް "ގްލޯރިއާ ޖީންސް" ކޮފީ

އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓެއް ވެލާނާ އިންޓަނނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުޅުވައިފިއެވެ.

ވީއައިއޭގެގެ އިންޓަރނޭޝަނަލް ޑިޕާރޗަރ ޓަރމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އައުޓްލެޓް ހުޅުއްވައިދެއްވީ މޯލްޑިވްސް އެއާރޕޯރޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢާދިލް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އެއާޕޯޓުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ތަރައްޤީކޮށް ދަތުރުވެރިންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުން ކަމަށެވެ.

އާދިލް ވިދާޅުވީ ގްލޯރިއާ ޖީންސް ކޮފީސްގެ އައުޓުލެޓަކީވެސް އިތުރު ފެށުމެއްކަމަށާ، އަދި ކުރިއަށްއޮތް ތަނުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑެއް ކަމުގައިވާ "ކޯސްޓާ ކޮފީ"ގެ އައުޓްލެޓެއްވެސް ވީއައިއޭގައި ހުޅުވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ފްރެންޗައިސްތަކުގެ އިތުރު އައުޓްލެޓްތައް ވީއައިއޭގައި ހުޅުވުމުގެ މަސައްކަތްތައް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ނިންމުމަށްފަހު އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވީއައިއޭގައި އެމްއޭސީއެލް އިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތަކީ އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާއި އޮގަސްޓުމަހުގެ ތެރޭގައި ރަންވޭ މުޅިން ނިންމާލެވޭނެކަމަށެވެ.

"ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓުލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުޅުވާފައިވާއިރު، މިއަހަރުގެ އޭޕްރީލްމަހު ރަސްފަންނުގެ ޕެވީލިއަންގައިވެސްވަނީ "ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓްލެޓެއް ހުޅުވާފައެވެ.