ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވެސް މާދަމާ ބާއްވާ މަޖިލީހުގައި އޮންނަ ޖަލްސާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
12 މެންބަރުން މާދަމާ މަޖިލީހަށް ވަޑައިގަންނަވާނެ ކަން ހާމަކުރެއްވީ އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑިތައް "ސަލާމަތުން ދިރި އެބަހުރިކަން" ސުޕްރީމް ކޯޓުން ކަށަވަރުކޮށް ދީފައިވާ ކަމަށެވެ.
މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި، ސުޕްރީމް ކޯޓުން ޖުލައި 25 ވަނަ ދުވަހު އިއްވި ހުކުމުގައި ބުނެފައި ވަނީ، މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ ޚިލާފެއް އުފެދިފައިވާ ކަމަށް އެ ކޯޓުގެ 5 ފަނޑިޔާރުންނަށް ވެސް ޤަބޫލުކުރެއްވޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ، 12 މެންބަރުންގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކި ވަކިން ބެލުމަށް ފަހު ގޮތެއް ނިންމަން ޖެހޭ މައްސަލަތަކެއް ކަމަށެވެ.