އޮގަސްޓް އެއް ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތު ވަގުތަކީ ހަ ގަޑިއިރުކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން ކުރިން އޮތް ގޮތުން މަސައްކަތް ކުރަން ޖެހެނީ ދުވާލަކު ހަތް ގަޑިއިރު ކަމުން މި ގެނެވުނު ބަދަލާއިއެކު މިހާރު މިވަނީ އެއް ގަޑިއިރު އުނިވެފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ވެބްސައިޓްގައި ބުނެފައިވަނީ އޮގަސްޓް އެއް ވަނަ ދުވަހު ފެށިގެން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ކަމުގައެވެ. އަދި އެކަން އެގޮތަށް ހަމަޖައްސާފައިވަނީ ސްޕްރީމް ކޯޓުޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށްވެސް ބުނެފައިވެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން ކުރިން އޮތް ގޮތުން 15:00 އާއި ހަމަޔަށް މަސައްކަތް ކުރަން ޖެހެއެވެ.
އަލަށް ގެނެވުނު ބަދަލާއި އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ވަގުތުވެސް މިވަނީ ސިވިލްސާރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތާއި އެއްގޮތް ކޮށްފައެވެ.
މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަށް މެންދުރު ފަހު 12:00 އިން 1:00 އާ ދެމެދު ކޮންމެ މުވައްޒަފަކަށްވެސް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދޭންޖެހޭ ކަމަށާއި މަސައްކަތަށް ދަތިނުވާގޮތަށް އެކަން ހަމަޖެއްސުމަށްވެސް ޑީޖޭއޭގެ އެންގުމުގައިވަނީ އެދިފައެވެ.