ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ދެއްކެވި ވާހަކަފުޅުގައި ވަނީ ވަރަށް މުހިއްމު ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ.
އެގޮތުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޤާނޫނީ ވަކީލުން ހުވާ ކުރިތާ، ޖޫން މަހުގެ 17 އަށް، 67 އަހަރު ފާއިތު ވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާ އެ ދިގު މުއްދަތުގެ ތެރޭގައި، ޤާނޫނީ ޕްރޮފެޝަން ވަނީ ކުރިއެރުންތަކެއް ޙާޞިލު ކޮށްފައި ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ހުވާ ކުރެއްވި ވަކީލުންނާއި މުޚާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި ޤާނޫނީ ދާއިރާއާ ގުޅެންވާނީ، އެ ޕްރޮފެޝަން އިތުރަށް ކުރި އަރުވައި ތަރައްޤީ ކުރުމާއި، މި ޕްރޮފެޝަނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެކަށީގެންވާ ގޮތެއްގައި ހިއްސާވުމުގެ ވަރުގަދަ ޢަޒުމާއި، އެ ޕްރޮފެޝަނުގައި ހުރި ރަނގަޅު ކުރާން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ބިނާ ކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ ޢަޒުމާ އެކުގައިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ޤާނޫނީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، އެ ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުން ވެސް އެންމެ އިސް އެއް ވާޖިބެއްގެ ގޮތުގައި ދެކެންޖެހޭ ކަމަކީ ތެދުވެރިކަމާއި ޒިންމާދާރުކަމާ އެކު ޚިދުމަތް ކުރެއްވުން ކަމަށް ވިދާޅުވިއެވެ.
ޤާނޫނީ ދާއިރާގައި ފޯރުކޮށްދޭ ޚިދުމަތަށް އަލިއަޅުއްވާލައްވާ އެ މަނިކުފާނު ވިދާޅުވީ ޤާނޫނީ ވަކީލުން ފޯރު ކޮށްދޭ ޚިދުމަތަކީ ޤާނޫނުގެ ސިޔާދަތު ނަގަހައްޓައި، ޤައުމީ މަޞްލަޙަތާއި ޢާއްމު މަޞްލަޙަތުގެ އިތުރުން، ފަރުދީ މަޞްލަޙަތުތައް ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމަށް ޓަކައި ވަރަށް މުހިއްމު ޚިދުމަތެއް ކަމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، އެ ނޫން ޙައްޤުތައް ވެސް ރައްކައުތެރި ކުރުމަށް ޓަކައި އަސާސީ ޚިދުމަތެއް ކަމެއްކަމަށެވެ.
ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޙުރުމަތާއި އިތުބާރު ދެމެހެއްޓުމަށް ޓަކައި ޤާނޫނީ ވަކީލުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަ ކުރެއްވިއެވެ. ޤާނޫނުގެ ޙުކުމް ވަރުގަދަ ކޮށް، ޢަދުލު އިންޞާފަށް ވާޞިލު ވެވުން ފަސޭހަ ކޮށް ކަށަވަރު ކުރުމަށް ޓަކައި ވެސް، ވަކީލުންގެ މަސައްކަތަކީ ޟަރޫރަތްތެރި މަސައްކަތެއްކަން ހަނދުމަފުޅުކޮށް އެރުވިއެވެ. އަދި އެކަންކަން ރަނގަޅަށް ކުރެވޭނީ ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނަކީ މިނިވަން ޕްރޮފެޝަނަކަށް ވެގެން ކަމާއި، ހަރުދަނާ ސުލޫކީ އަދި އަޚްލާޤީ މިންގަނޑެއްގެ މަތީގައި ސާބިތު ވެ ޤާއިމު ވެފައިވާ، ރައްޔިތުންނާއި ސިވިލް ސޮސައިޓީގެ އިތުބާރާއި ޔަޤީންކަން އެ ޕްރޮފެޝަނަކަށް ދެވޭ ޕްރޮފެޝަނަކަށް ވެގެންކަމަށް ވިދާޅުވިއެވެ. މި މުހިއްމު މަޤްޞަދުތައް ޙާޞިލު ނުވާ ގޮތަށް ޤާނޫނީ ޕްރޮފެޝަން މަސައްކަތް ކުރުމަކީ ދައުލަތުގެ މަޤްޞަދުތަކަށް ބުރޫ އަރައިގެން ދާނެ ކަމެއްކަން ވެސް ވިދާޅުވިއެވެ.
މިދާއިރާގައި އުޅުއްވާ ފަރާތްތަކުން ދެނެގަންނަންޖެހޭ މުހިއްމު ތަކަށް އެ މަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެ ގޮތުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައެޅިފައިވާ އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ވަސާއިޤުތަކާއި އުޞޫލުތައް ރަނގަޅަށް ދެނެގަތުމާއި، ޤާނޫނީ ވަކީލުކަމުގެ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރުމުގައި އެ އުޞޫލުތަކަށް ފުރިހަމަޔަށް އިޙުތިރާމު ކުރުމަކީ ޤާނޫނީ ވަކީލުން ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. ޤާނޫނީ ވަކީލުކަމަކީ ކޮންމެ ވަކީލެއްގެ ވެސް ކޮނޑުގައި އެޅޭ ވަރަށް ބޮޑު އަމާނާތަކަށްވާތީ، އެ އަމާނާތަށް ތެދުވެރި ވުމަކީ ދީނީ ނަޒަރަކުން ބެއްޔަސް ވާޖިބެއް ކަމަށް ވިދާޅުވެ ނަސޭހަތްތެރިވިއެވެ.
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތީން، ޤާނޫނީ ވަކީލުންގެ މަސައްކަތުގައި އިސްލާމީ ޝަރީޢަތަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ފުރިހަމަޔަށް އިޙުތިރާމް ކޮށް، އަދި މި މުހިއްމު އަސާސްތައް ނެގެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަންވާނެކަމަށް ވިދާޅުވިއެވެ.
މި އިބުރަތުން ފުރިގެންވާ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ޕްރޮފެޝަނަލް ޒިންމާތައް އަދާ ކުރެއްވުމުގައި ތެދުވެރިވުމާއި، އަމާނާތްތެރިވުމަކީ ޤާނޫނީ ވަކީލުންގެ ހުވަޔާ އެކު ޤާނޫނީ ވަކީލުންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިއްމު ޒިންމާތައްކަމަށް ވިދާޅުވެފައެވެ. އެ ހުވާ އަބަދުވެސް ހަނދާންކުރުމަކީ ޤާނޫނީ ވަކީލުންގެ އެންމެ އިސް އެއް ވާޖިބުކަން ހަނދުމަކޮށް އަރުވާ ނަސޭޙަތްތެރިވިއެވެ.