Last Updated: June 10, 20:13
Wednesday, June 10, 2026
މުނިފޫހިފިލުވުން

މަދޫރީގެ އައިޓަމް ލަވަ ޝޫޓްކޮށްފި

މަޝްހޫރު ބަތަލާ އަދި ކުޅަދާނަ ނެށުންތެރިޔާ މަދޫރީ ޑިކްޝިޓްގެ ފުރަތަމަ އައިޓަމް ލަވަ ޝޫޓްކޮށް ނިންމައިފި އެވެ.

އެ ލަވައަކީ މި މަހގެ 31 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ލަވައެކެވެ.
ޕްރިތަމް މިއުޒިކް ތައްޔާރުކޮށް ދީފައިވާ މި ލަވައިގައި މަދޫރީ އާ އެކު އެ ފިލްމްގެ ބަތަލު ރަންބީރު ކަޕޫރު ވެސް ފެނިގެން ދާނެ އެވެ. "މޯހިނީ ރިޓާން" ގެ ނަމުގައި ހަދާފައިވާ ކަމަށް ބެލެވޭ މަދޫރީގެ އައިޓަމް ލަވައިގެ ކޮރިއޯ ހަދާފައި ވަނީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ފަރަހް ހާން އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "މޯހިނީ ރިޓާން" ގެ ނަމުގައި މަދޫރީގެ އައިޓަމް ލަވަ ހެދުމުގެ ހިޔާލަކީ ކަރަން އެވެ. އަދި އެއީ 1988 ގައި ރިލީޒްވި ކާމިޔާބް ފިލްމް "ތޭޒާބް" ގައި ހިމެނޭ މަޝްހޫރު ލަވަ "އޭކް ދޯ ތީން" ލަވަ ފެށޭ އިރު، މަދޫރީ އަށް ގޮވާ ނަމެވެ.

މަދޫރީގެ އައިޓަމް ލަވައިގެ ޝޫޓިން ނިންމާފައިވާ އިރު، އެ ލަވަ ފެންނާނެ އިރަކަށް ބެލުންތެރިން މިހާރު އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ވެސް ކުރަމުންނެވެ.

"ޔެ ޖަވާނީ ހޭ ދީވާނީ" ގެ ތަރިންނަކީ ރަންބީރާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮޗިން އެވެ.