ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރުކޮށް ތިން ވަނަ ދައުރު ދިގުވާ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާޙްކޮށްފި އެވެ.
މަޖިލީހުގެ ޤަވާއިދަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވަނީ ދެވަނަ ދައުރުއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ 1 މަސް ދުވަހުގެ ބަދަލުގައި ދެން ލިބޭނީ 12 ދުވަހުގެ ޗުއްޓީ އެއް ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައި މިހާރު އޮންނަ ގޮތުން ދެވަނަ ދައުރު ހިނގާނީ ޖޫން 1 އަކުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު 1 އަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ނަމަވެސް އެ އިސްލާހު ފާސްވުމާއެކު ދެވަނަ ދައުރު މި ހިނގާ އޮގަސްޓް މަހުގެ 16 ގައި ނިމި، ތިންވަނަ ދައުރު މި މަހުގެ 27 ވަނަ ދުވަހު ފެށޭނެ އެވެ.
މިއަދުގެ ޖަލްސާގައި މި އިސްލާޙް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުންވެސް މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 89 ވަނަ މާއްދާއަށް ވެސް އިސްލާހެއް ހުށަހަޅަން ފާސްކޮށްފަ އެވެ.
އެގޮތުން ބިލެއް މަޖިލީހުން ފާސް ކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަ ބޭނުންވެއްޖެ ނަމަ ނުވަތަ މާއްދާއެއް އުނި ކުރަން ހުށަހަޅަން ބޭނުން ނަމަ އެ ބިލު ކޮމިޓީއަށް ފޮނުވަން ނޫނީ އިސްލާހެއް މަޖިލީހަށް ގެންނަން ފާސް ކުރެވިދާނެ ގޮތަށް އެ ޤަވާއިދު ވަނީ ބަދަލުކޮށްފަ އެވެ.