Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިންތިޚާބުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާ ބައްދަލުކޮށްފި

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާ، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގެ މަލްޓިޕަރޕަސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވާޒް ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން އަމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުލުހުން ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރުމާއި، ރަށްރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ދުރާލާ ކުރަންޖެހޭ ކަންކަން ދެނެގަނެ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް ކޮމާންޑަރުންނަށް އިރުޝާދު ދެއްވާފައެވެ.

އަދި ކޮންމެ ކޮމާންޑަރެއްގެވެސް އަމާޒަކަށް ވާންވީ އިންތިޚާބުގެ ކަންކަން އަމާންކަމާއި ސުލްޙަވެރިކަމާއެކު ނިންމާލުމަށްކަމަށާއި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮަޕަރޭޝަން "ބްލޫ ވޭވް" ގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޑެޕިއުޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި އަތޮޅުތަކަށް ދިއުމަށް ހަމަޖެހިފައިވާ ކޮމާންޑަރުންނާއި މާލޭގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.