Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އޮގަސްޓް 19 އަކީ ސަރުކާރު ބަންދު ދުވަހެއް

މި ހިނގާ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކަލަންޑަރުގައި ވާ ގޮތަށް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓް އަށް ވެއްޖެނަމަ، 19 އޮގަސްޓް އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.

މުއާޒް ވިދާޅުވީ މިގޮތަށް ހަމަޖައްސަވާފައި ވަނީ މެދުކެނޑުމެއް ނެތި މުވައްޒަފުންނަށް އީދު ބަންދު ދުވަސްތައް ލިބިދިނުމަށްޓަކައި ކަމަށެވެ.

އެހެންކަމުން، މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުން ދުވަހަށްފަހު ސަރުކާރުގެ އޮފީސްތައް ބަންދުވާނެ އެވެ. ދެން ސަރުކާރު ހުޅުވޭނީ އަޟްހާ އީދު ބަންދަށްފަހު، އޮގަސްޓް މަހުގެ 26 ވާ އާދިއްތަ ދުވަހު އެވެ.

އޮގަސްޓް 19 އަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައެޅުމާއެކު، މި އަހަރުގެ ބޮޑު އީދު ޗުއްޓީގެ ގޮތުގައި ޖުމްލަ ނުވަ ދުވަސް ލިބިގެންދާނެ އެވެ.