Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

50 ފުޓްސަލް ދަނޑު ރަސްމީކޮށް އިފްތިތާހްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާ ޤާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން ޤާއިމުކުރައްވާފައިވާ ފުޓްސަލްދަނޑުތައް، އެމަނިކުފާނު މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިގޮތުން 50 ރަށެއްގެ ފުޓްސަލްދަނޑު މިރޭ ރަސްމީކޮށް ވަނީ ހުޅުއްވައި ދެއްވައިފައެވެ. އޭގެ ތެރެއިން 41 ދަނޑުގެ މަސައްކަތް ވަނީ މިދިޔަ އަހަރު ތެރޭގައި ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަން ފަށާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ސްޕޯޓްސް އެރީނާގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ގިނަ ވަސީލަތްތައް ޤާއިމްވަމުންދާ ކަމަށާއި، މި ސަރުކާރުން މިހާތަނަށް 88 ފުޓްސަލް ދަނޑެއް ޤާއިމްކޮށް ނިންމާފައިވާއިރު، ޖުމްލަ 94 ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކުރެވުނު 64 ފުޓްސަލް ދަނޑެއް ހުއްޓިފައި އޮތުމުން އެކަމަށް ޙައްލެއް ގެނައުމަށްޓަކައި އޭގެ ތެރެއިން 20 ދަނޑެއްގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކޮށް، ބާކީހުރި 44 ދަނޑުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ބައެއް ރަށްރަށުން ބިން ހަމަނުޖެހިގެންނާއި ކައުންސިލުން ކަނޑައަޅާ ބިންތަކުގެ ތެރެއިން ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރުމުން ބައެއް މައްސަލަތައް ދިމާވެފައިވާ ކަމަށާއި، އެހެންނަމަވެސް މިނިސްޓްރީން އިއުލާން ކޮށްގެން ފެށި 27 ފުޓްސަލް ދަނޑުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.