Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ރިޟްވާން ވަގަށް ނެގި ދައުވާ ސާބިތެއް ނުވި

މީގެ ހަތަރު އަހަރު ކުރިން "ވަގަށް ނަގާފައިވާ" މޯލްޑިވްސް އިންޑެޕެންޑެންޓްގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ވަގަށް ނެގި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއަދާ ހަމައަށް ވެސް ރިޟްވާނަށް ވީގޮތެއް ހޯދިފައިނުވާއިރު ދައުލަތުން ވަނީ ދެމީހަކާ ދެކޮޅަށް ރިޟްވާން ވަގަށް ނެގި ކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ދައުލަތުން ދައުވާ އުފުލާފައިވާ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީނާ ދެކޮޅަށް ހުށައަޅާފައިވާ ހެކިތަކުން އެ ދެމީހުން ރިޟްވާން ވަގަށް ނެގިކަމަށް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މިމައްސަލައިގައި ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށް ދޭން އެދިފައެވެ. ނަމަވެސް ސުއެއިދު ކޯޓަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމުން އާއިލާއިން ވަނީ އޭނާ ބޭރުގެ ހަނގުރާމައެއްގައި މަރުވެފައިވާ ކަމަށް ބުނެފައެވެ.

މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވަނީ ފުލުހުން މިމައްސަލައިގެ ޝަރީއަތުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައިނުވާ ކަން ފާހަގަކޮށްފައެވެ. އެގޮތުން ކާރަކަށް ރިޟްވާން ގަދަކަމުން އަރުވާފައިވާކަން ފާހަގަކޮށްފައިވި ނަމަވެސް އެކާރަކީ އާލިފްގެ ކާރެއްކަން ސާބިތުކޮށް ނުދެވޭކަން ގާޒީ ވަނީ ފާހަގަކޮށްފައެވެ.