ސ. މަރަދޫފޭދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗް ކައިރީގައި ވިއްސާރުވުމުން ފެން ބޮޑުވެ، ބޭންކަށް ދާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހި އެކަމާ ގުޅިގެން ޝަކުވާތައް އިތުރުވެފައި ވަނިކޮށް އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
"އައްޑޫ ލައިވް" ގައި އިއްޔެ މިކަމާ ގުޅިގެން ލިއުނު ހަބަރެެއް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އާ ކިޔުންތެރިއަކު އެފްބީން ޝެއާ ކުރުމުން ޓޮމް ކުރައްވާފައިވާ ކޮމެންޓެއްގައި ވިދާޅުވެފައި ވަނީ ބޭންކް ކައިރީ ފެން ބޮޑުވާ މައްސަަލައަކީ ގިނަ ރައްޔިތުންނަށް އުނދަގޫވާ ކަމެއް ކަމަށެވެ.
އަދި އެކަން ހައްލު ކުރަން ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޮމް ވިދާޅުވި އެވެ. އެގޮތުން އެ ސަރަހައްދުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް، ފެން ހިންދުމަށްޓަކައި އިތުރު ދެ ޖަންކްޝަން ބެހެއްޓުމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އާ މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ މި މައްސަލަ އަށް "އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ހައްލެެއް ލިބޭނެ" ކަމަށެވެ.