މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ޝަރީއަތުގެ ހުކުމް އިއްވުމުން ޔަގީންވާ ކަމަކީ، ރިޟްވާން ގެއްލުވާލުމުގައި ސަރުކާރުގެ ބައިވެރިވުމެއް ވާކަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓުވީޓުގައި ރިޟްވާނު ގެއްލުވާލި ކަމަށް ދައުލަތުން ދައުވާ އުފުލި ދެމީހުން މިނިވަން ކުރުމުން ފުލުހުން މައްސަލަ ތަހުގީގު ނުކޮށް، ދޫކޮށްލާފައި އޮތް އޮތުމުގެ ސާފު ހެކި ލިބިގެންގޮސްފައިވާ ކަމަށް ބުނެ، ފުލުހުންނާއި ސަރުކާރަށް ފާޑުވިދާޅުވެފައިވެއެވެ.
މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ އިހުމާލުތަކެއް ފާހަގަކުރައްވާފައެވެ. ގާޒީ ވަނީ ބައެއް މުހިންމު ހެކިތަކުގެ ފޮރެންސިކް ތަހުލީލުތައް ނެތްކަމާއި މިމައްސަލާގައި ދައުލަތުން ހުށައެޅި އެންމެ މުހިންމު ހެކީގެ ގޮތުގައި ބޭނުން ކުރި އިސްތަށި ހޯދި ގޮތެއް ހުށައަޅާފައި ނުވާކަން ހިމެނެއެވެ.
ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ މިހާރު މައްސަލަ އިސްތިއުނާފް ކުރާނެ ކަން އިއުލާން ކޮށްފައެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން މިހާރު އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.