މަގުމަތީގައި އަންހެނުންނަށް ފުރައްސާރަކުރާ މީހުން 750 ޔޫރޯ އިން ޖޫރިމަނާ ކުރެވޭ ގޮތަށް ފަރަންސޭސްވިލާތުގެ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ.
އެ ބިލަށް ތާޢީދުކުރާ ފްރާންސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އީކުއާލިޓީ، މާލީން ސްކިއައްޕާ ބުނީ މަގުމަތީގައި ކުރާ ފުރައްސާރަތަކަށް މީގެ ކުރިން އަދަބު ދެވިފައި ނެތް ކަމަށާއި، ނަމަވެސް ދެން އެފަދަ ޢަމަލުތަކަށް އަދަބު ދެވޭނެ ކަމަށެވެ.
މަގުމަތީގައި އަންހެނުންނާއި ދިމާލަށް އެއްޗެހި ކިޔައި، ބިރުދައްކައި އެމީހުންނާއި އަޅައިގެން ފަހަތުން ދިއުމަކީ ފްރާންސްގައި ޤާނޫނީ ގޮތުން ކުށެކެވެ. އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްޗަށް މީގެ ފަހުން 90 ޔޫރޯ އާއި 750 ޔޫރޯ އާއި ދެމެދުގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މި ބިލް މަޖިލީހުން ފާސްކުރުމާއެކު، އަންހެނަކާއި ދިމާލަށް ބަލާލުން ނުވަތަ ރީއްޗޭ ބުނެލުމަކީ ވެސް ޤާނޫނީ ކުށެއްތޯ ސުވާލުކޮށް، ގިނަ އަދަދެއްގެ މީހުން ޓްވިޓާގައި އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.
އެހެންނަމަވެސް ފްރާންސްގެ ސެކްރެޓޭރިއެޓް އޮފް އީކުއާލިޓީ ބުނީ މި ބިލަކީ އަންހުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން އެމީހުންނަށް ބިރުދައްކައި، ފަހަތުން އަޅައިގެން އުޅުމާއި އެފަދަ ޢަމަލުތައް ހިންގާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ފާސްކުރި ބިލެއް ކަމަށެވެ.
ހައި ކައުންސިލް އޮފް އީކުއާލިޓީ އިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 100% އަންހެނުންނަށް ވަނީ ޕަބްލިކް ޓްރާންސްޕޯޓްގައި އެއްފަހަރު ނަމަވެސް ފުރައްސާރަކޮށްފަ އެވެ. އޭގެ ތެރެއިން 82% އަންހެނުންނަކީ އުމުރުން 17 އަހަރުން ދަށުގެ މީހުންނެވެ.