Last Updated: June 25, 18:03
Thursday, June 25, 2026
މުނިފޫހިފިލުވުން

"ފިލްމް ފޮ ޗޭންޖް" ގެ ފިލްމްތައް ދައްކާލައިފި

ޝްވެކް ސިނަމާގައި ފިލްމުތައް އެޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ދިރާގު

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީމް ޕްރޮގްރާމް "ފިލްމް ފޯ ޗޭންޖް" ގައި ތައްޔާރުކުރި ކުރު ފިލްމުތައް ދައްކާލައިފިއެވެ.

މުޖުތަމައުގައި ހުރި އިޖުތިމާއީ އެކި މައްސަލަތައް ދައްކުވައިދޭ ގޮތަށް ހަދާފައިވާ އެ ކުރު ފިލްމުތައް އިއްޔެ ޕްރިމިއާ ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައެވެ.

އެ ފިލްމްތައް ޝްވެކް ސިނެމާގައި އެޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު ޒުވާނުން ބާރުވެރި ކުރުވުމާއި އެކު އެކަމުގެ ތެރެއިން އިޖްތިމާއީ މައްސަލަތައް ހައްލު ކުރުން ކަމުގައެވެ.

މީގެ އިތުރުން މި އަހަރުގެ ތަމްރީނުގައި ސްމާޓް ފޯނާއި ޓެބްލެޓް ފަދަ ސާމާނު ބޭނުންކޮށްގެން ޒުވާނުންގެ ހުނަރު ދައްކާލަން ދަސްކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުން ފެށިގެން ދިރާގާއި ޔޫއެންޑީޕީން ގުޅިގެން ކުރިއަށް ގެންދާ "ފިލްމް ފޯ ޗޭންޖް"ގައި މި އަހަރު 21 ޒުވާނަކު ބައިވެރިވި އެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރު އުފައްދާފައިވާ ކުރު ފިލްމްތަކަކީ، ނަމަ، ބިލާހު، ކުޑަ އަދި ވިލުނޫ އެވެ.

"ނަމަ" ފިލްމް ބިނާކޮށްފައި ވަނީ ރަނގަޅު ތައުލީމެއް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށްވާއިރު، "ބިލާހު" އަކީ ޖިންސީ ތަފާތު ކުރުންތައް ބުނެދޭ ފިލްމެކެވެ. އަދި "ކުޑަ" އާއި "ވިލުނޫ" އަކީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމުކަން ބުނެދޭ ދެ ފިލްމެވެ.

ދިރާގުން ބުނީ އެ ފިލްމުތައް އަދި ސޯޝަލް މީޑިއާގައި އާންމު ކުރާނެ ކަމަށާއި ބައިނަލްއަގުވާމީ ކުރު ފިލްމް ފެސްޓިވަލުގައި ވެސް ބައިވެރިކުރާނެ ކަމަށެވެ.