Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ޓްރިލިއަން ޑޮލަރުގެ ފުރަތަމަ ކުންފުންޏަކަށް އެޕަލް

ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަރު ކުންފުންޏަކަށް މަޝްހޫރު ޓެކް ކުންފުނި، "އެޕަލް" ވެއްޖެއެވެ.

އެޕަލް ކުންފުނީގެ ބާޒާރުމަތީ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރާފައި ވަނީ އިއްޔެއެވެ. އިއްޔެ އެކުންފުނީގެ ހިއްސާގެ އަގުތައް އުޅުނީ ގާތްގަނޑަކަށް ހިއްސާއަކަށް 207.39 ޑޮލަރުގަ އެވެ.

އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ކުންފުނީގެ ޝަރަފް އެޕަލް ހޯދާފައި މިވަނީ ވާދަވެރި ދެ ކުންފުނި ކަމަށްވާ 'އެމެޒޯން' އާއި 'މައިކްރޯސޮފްޓް' ފަހަތަށް ޖައްސާލުމަށްފަހު އެވެ.

2007 ވަނަ އަހަރު އެޕަލް އިން އައިފޯން ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ހިއްސާތައް ވަނީ 1،100% މައްޗަށް ގޮސްފައެވެ.

1976 ވަނަ އަހަރު އެޕަލް ކުންފުނި ވުޖޫދަށް އައީ ކޯ-ފައުންޑަރ ސްޓީވް ޖޮބްސްގެ ގަރާޖުންނެވެ. އެންމެ ފުރަތަމަ އެޕަލް މަޝްހޫރު ވެގެންދިޔައީ އެކުންފުނިން އުފައްދާ 'މެކް' ކޮމްޕިއުޓަރުތަކުގެ ސަބަބުންނެވެ. އެއަށްފަހު އެޕަލް އިން އެކުންފުނީގެ ފުރަތަމަ ސްމާޓްފޯން އުފެއްދުމާއެކު، އެޕަލް ވެގެންދިޔައީ ސްމާޓްފޯން އުފައްދާ އެންމެ މަޝްހޫރު އެއް ކުންފުންޏަށެވެ.

2011 ވަނަ އަހަރު އެޕަލްގެ ކޯ-ފައުންޑަރ ސްޓީވް ޖޮބްސް ނިޔާވުމާއި ގުޅިގެން، އެ މަޤާމާއި ހަވާލުވީ އެކުންފުނީގެ މިހާރުގެ ސީއީއޯ ޓިމް ކުކް އެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން އެޕަލް ތަރައްޤީކުރި އައިފޯންތަކުގެ ސަބަބުން އެކުންފުނީގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.

2006 ވަނަ އަހަރު އެޕަލްގެ ސޭލްސްތައް އުޅުނީ 20 ބިލިއަން ޑޮލަރަށްވުރެ ވެސް ދަށުގައެވެ. އަދި އެއިރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރެވެ.

އެއާ އަޅާބަލާއިރު މިދިޔަ އަހަރު އެކުންފުނީގެ ސޭލްތައް ވަނީ 229 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި ފައިދާ ވަނީ 48.4 ބިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން އެޕަލް އަކީ މިހާރު އެމެރިކާގެ އެންމެ ފައިދާބޮޑު ކުންފުންޏެވެ.