ޖަރުމަނު ވިލާތުގެ ބެޔާން މިއުނިކަށް ކުޅެމުން އަންނަ ޗިލީގެ އާތުރޯ ވިޑާލް އިޓަލީގެ އިންޓަ މިލާނާ ދިމާލަށް ދަނިކޮށް، ފަހު ވަގުތު ބާސެލޯނާއިން އޭނާގެ ސޮއި ހޯދައިފިއެވެ.
ބެޔާނާ އިންޓައާ ދެމެދު އެއްބަސްވުންތައް ކުރިއަށް ގެންގޮސް، ކުޅުންތެރިޔާގެ ފަހުގެ ނިންމުންތަކާ ހިސާބުގައި ވަނިކޮށް ބާސާއިން އެ ދެމެދަށް ވަދެގަނެ، ވިޑާލް ގެންގޮސްފައިވާއިރު މިއީ މިސީޒަނުގައި އިޓަލީ ކުލަބަކަށް ބާސާއިން މި ލަނޑު ދިން ދެވަނަ ފަހަރެވެ.
ފްރާންސުގެ ބޯޑޯއާ އިޓަލީގެ އޭއެސް ރޯމާއާ ދެމެދު އެކުލަބަށް ކުޅެމުން އައި މެލްކޮމް ހޯދުމާ އެންމެ ފަހުގެ އެއްބަސްވުންތަކަށް އައިސްފައިވަނިކޮށް ބާސާއިން ވަނީ މެލްކޮމްވެސް ކުލަބަށް ގެންގޮސްފައެވެ. މެލްކޮމް ވަނީ އޭނާ ބާސާއަށް ކުޅުނު ފުރަތަމަ މެޗުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅެ، ގޯލެއް ވެސް ޖަހާފައެވެ.
ޚަބަރު ލިބޭ ގޮތުގައި ބެޔާންއިން ވިޑާލް ބާސާއަށް ބަދަލުވީ 27 މިލިއަން ޕައުންޑުގެ އަގަކަށެވެ. 31 އަހަރުގެ މިޑްފީލްޑަރު ވަނީ ބެޔާން އަށް ބަދަލުވުމުގެ ކުރިން ޔުވެންޓަސްއަށް ވެސް މޮޅު ކުޅުމެއް ދައްކާދީފައެވެ.