Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގެ އުސޫލު އޭޖީ އޮފީހަށް ފޮނުވައިފި

ބްރޯޑްކޮމްގެ މެންބަރުންނާއި އީސީގެ މެންބަރުން މަޝްވަރާ ކުރައްވަނީ - ފޮޓޯ: ބްރޯޑްކޮމް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ އުސޫލު އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.

ބްރޯޑްކޮމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ 10 ދުވަހު މި އުސޫލުގެ ފުރަތަމަ ދެލިކޮޕީ އެކުލަވައިލުމަށްފަހު އާއްމުކޮށް ޚިޔާލު ހޯދައި، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އަދި މިއުސޫލާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ޚިޔާލުހޯދައި ލިބުނު އިސްލާހުތައް ހިމަނާފައިވާނެ ކަަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައްދީ ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ނުވިއްކޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސް ޔާމީން ތަސްދީގު ކުރެއްވީ ނިމިގެންދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެ އިސްލާހު ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި އުސޫލު އާންމުކުރަން ޖެހެއެވެ.

އެ އުސޫލުގައިވާ ގޮތުން ހަމަހަމަ ވަގުތު ދީގެން ގެނެސްދޭން ޖެހޭނީ ކެންޑިޑޭޓުން ނުވަތަ ސިޔާސީ ޕާޓީތަކުން ތައްޔާރުކުރާ ޕްރޮގްރާމްތަކާއި ކެންޑިޑޭޓުންގެ ޕްރޮމޯޝަނަލް އިޝްތިހާރުތަކާއި ޕާޓީތަކުގެ ރެލީތަކާއި ނޫސް ކޮންފަރެންސްތަކެވެ.