Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބްރިޖް މަތީގައި ކައިވެނި ކުރުމުގެ ފުރުސަތު ހުޅުވާލަނީ

ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) މަތީގައި ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މިނިސްޓަރ މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށްވާ ބްރިޖް މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، މި ހިނގާ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށެވެ.

އަދި 05 އޮގަސްޓް ވާ އާދިއްތަ ދުވަހުން ފެށިގެން 13 އޮގަސްޓް ވާ ހޯމަ ދުވަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން އެކަމަށް އެދި ހުށައަޅާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ވެއެވެ.

މި ބްރިޖަށް ދިވެހިން ކިޔާފައިވާ ނަމަކީ "ސިނަމާލެ ބްރިޖް" އެވެ.

ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި އޮގަސްޓް މަހު ފަހުކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާއިރު، ބްރިޖް ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

މި ބްރިޖް ހުޅުވިގެން ދަތުރު ކުރަން ފެށުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ދޭތެރޭގައި ދަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.