Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ގިނަ ކަންކަމުގައި ޔާމީން ފެއިލް ވެއްޖެ: ދުންޔާ

ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ގިނަ ކަންކަމުން ފެއިލްވެފައި ކަމަށާއި ނަމަވެސް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ގައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އިބޫ އާއި އޭނާގެ ރަނިން މޭޓު ފައިސަލް އަކީ ވަރުގަދަ ޓީމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ދެ ބޭފުޅުން އިންތިހާބަށް ނިކުމެވަޑައިގަތީ ހަތަރު ލީޑަރުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ. މިފަދައިން ކަންތައް ހުރުމުން މިހާރު ރާއްޖޭގައި ގޯސްކޮށް ހިނގާފައި ހުރި މައްސަލަތައް ހައްލުވާނެ ކަމުގެ އުންމީދެއް އެ ދެ ކެންޑިޑޭޓުންގެ ފަރާތުން ފެންނަމުންދާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

ބަސްދީގަތުމުގައި ދުންޔާ ވަނީ އިދިކޮޅު ކެންޑިޑޭޓް އިބޫ އަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ އިބޫ އަކީ ރާއްޖޭގައި އިންސާފު ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އިބޫގެ އިހުލާސްތެރި ސިފަތަކުގެ ސަބަބުން ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކޮށް މިހާރު އުފެދިފައި އޮތް ބައިބައިވުންތައް ނިމުމަކަށް ގެންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ރައީސް ޔަމީންއަށް ގައުމަށް ދިމާވެފައި ހުރި ބައެއް ކަންކަން ހައްލުކޮށްދެއްވި ކަމަށާއި، ނަމަވެސް ދިވެހިން އެއްބައިވަންތަ ބަޔަކަށް ހެދުމާއި ސިޔާސީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އެމަނިކުފާނު ފެއިލްވެފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ފެއިލްވި ކަންތަކުގެ މިސާލު ޖައްސަވަމުން ދުންޔާ ވިދާޅުވީ ގިނަ ސިޔާސީ ފަރާތްތައް ޖަލުގައި ތިބުމާއި، މަޖިލީސް ނުހިނގާ އޮތުމާއި، އަދި 12 މެންބަރެއްގެ ގޮނޑީގެ މައްސަލައެވެ.

އިންސާނިއްޔަތުކަން ކޮންމެވެސް ވަރަކަށް ރައީސް ޔާމީން ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށް ދުންޔާ ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން އެ ކަމަނާ ވިދާޅުވީ އެ ކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން ކޮށްދެއްވާފައި ހުރި ޚިދުމަތްތަކާއި އުމުރުފުޅަށް ނުބައްލަވާ މާފެއް، ލުޔެއް ދެއްވާފައިނުވުމެވެ. ދުންޔާ ގަބޫލު ކުރައްވަނީ ދިވެހިން ވަރަށް ބޮޑަށް ބިރުވެރިކަމެއްގެ މަތީ އުޅެން ނުޖެހޭ ވަރުގެ މިނިވަން މާހައުލެއް ބޭނުންވާ ކަމަށެވެ.

ދުންޔާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ވެސް ބައްލަވާލެއްވިއެވެ. އެ ގޮތުން ވިދާޅުވީ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގިނަ އިންވެސްޓަރުން ވެސް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އަނެއްފަޅިއަށް ބަލާނަމަ ދަރަނި ބޮޑުވުމާއި އެ އަދާކުރުމުގެ ގާބިލުކަން ހުރި ކަމާމެދު ސުވާލު އުފެދޭ މައްސަލަތައް ހުރި ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. ސަރަހައްދީ ހަމަޖެހުމަށް ބަލާއިރު އިންޑިޔާ އާއި ޗައިނާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދިޔުމުގެ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާ މާ ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ގިނަ އެހީތަކެއް ލިބުން ނަމަވެސް މާ ބޮޑަށް އެ ގައުމަށް ބަރޯސާވުމަކީ ދުރު މުސްތަގުބަލުގައި ލިބޭނެ ގެއްލުމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ދުންޔާ ވަނީ އެކަމަނާގެ ތާއީދު އަނބުރާ ގެންނަވައި، މަގާމުން އިސްތިއުފާ ދެއްވާފައެވެ.