އެމެރިކާގެ ޓެނެސީގެ މޭޔަރުގެ މަގާމަށް ރެސްލިން ސުޕަސްޓާ ގްލެން ޖޭކޮބްސް، ނުވަތަ އާންމު ނަމުން ނަމަ ކޭން އިންތިޚާބުވެއްޖެއެވެ. 1990 ގެ އަހަރުތަކުން ފެށިގެން ރެސްލިން ދުނިޔޭގައި މަގްބޫލު ކަމެއް ހޯދާފައިވާ ކޭން، ޓެނެސީގެ މޭޔަރަށް އިންތިޚާބު ވެފައިވަނީ ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ.
ކޭން ވަނީ ކެމްޕޭނުގައި ރައްޔިތުންނަށް ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށާއި ގެދޮރުގެ ނިޒާމުގެ ސިޔާސަތު ރަނގަޅުކޮށް އޮފީސް ތެރޭގައި ދެފުށް ފެންނަ ސިޔާސަތެއް ގާއިމުކުރުމަށް ވައުދުވެފައެވެ.
ކޭން ވަނީ އިންތިޚާބު ވުމާއެކު އޭނާ ހަދާފައިވާ ޑަބްލިއުޑަބްލިއުއީ ގެ މަގާމު ދޫކޮށް ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައެވެ. ފަންނާނެއްގެ މަގާމުން ކޭން ވަނީ އިންތިޒާމު ކުރާ ވެރިއެއްގެ މަގާމަށް ވެސް ކުންފުނީގައި އައިސްފައެވެ.

މިއީ ރެސްލިން ސުޕަސްޓާރެއް އެމެރިކާގެ ސިޔާސީ މަގާމެއް ހޯދި ދެވަނަ ފަހަރެވެ. ޖެސީ ވެންޗޫރާ ވަނީ 90 ވަނަ އަހަރުގައި މިނެސޯޓާގެ ބްރޫކްލީން ޕާކްގެ މޭޔަރުގެ މަގާމަށް ހޮވިފައެވެ. އޭނާ ވަނީ 98 ވަނަ އަހަރު ގަވަނަރުގެ މަގާމަށް ވެސް ހޮވިފައެވެ.