އިސްލާމް ދީން ނޫން އެހެން ދީނަކަށް ދުވަހަކު ވެސް އިދިކޮޅު ކޯލިޝަންގެ ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް އެ ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ވަނީ ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެކަމަށް އަލިއަޅުވާލާފައެވެ. އެ ބޭފުޅާ ވިދާޅުވީ އިސްލާމް ދީނުގައި އަންގަވާފައި ވަނީ އިންސާފުވެރިކަމާ ރިވެހި އުސޫލު އިސްކޮށްގެން ކަންކަަން ކުރައްވަން ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެ ފެނިގެން ދަނީ ނާއިންސާފާއި އަނިޔާވެރިކަމެއްގެ ތެރޭގައި އުޅޭ މަންޒަރު ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް ދިވެހިން އަބަދުވެސް ތިބޭނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ދުވަހަކު ވެސް ފުރުސަތެއް ނުދޭނެ ކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ.
މިއަދު ދިވެހި ރައްޔިތުންނަށް އަނިޔާ ދޭ ފަރާތްތަކަށް ހަނދާން ކޮށްދޭން ބޭނުން ވަނީ އެހެން ދުވަހެއް އަންނާނޭ ކަން ކަމަށާއި އެ ދުވަސް އައިސް ޖެހުމުން ދެން އައިސް ކުރެވޭނެ އެެއްވެސް ކަމެއް ނޯންނާނޭ ކަން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އާހިރަތް ދުވަހުން ޖަވާބު ދާރީވުން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި، އެކަމާ އެ ބޭފުޅުން ވިސްނެވުމަށް ފައިސަލް ވިދާޅުވި އެވެ.
ދިވެހިންގެ ހާލަތު ހުރި ގޮތަށް އަލިއަޅުއްވާލައްވާ ފައިސަލް ވިދާޅުވީ މުޅި ގައުމު މިއަދު އިންސާފު ނުލިބިގެން އާދޭސް ކުރަމުންދާ ކަމަށެވެ. އެ އިންސާފު ލިބިގެން ދާނީ ކޯލިޝަންގެ ސަރުކާރުން ކަމަށެވެ.
ކޯލިޝަނުން އުފައްދާ ސަރުކާރަކީ ދުވަހަކުވެސް ފަނޑިޔާރުގެއަށް އަތްބާނާ އިންސާފާ ކުޅޭނެ ސަރުކާރެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތަކުގެ ދައުރު އެންމެ ފުރިހަމައަށް އަދާ ކުރުމަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާ އިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހް(އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ އެކި އަތޮޅުތަކަށް ދަތުރުތައް ކުރައްވަން ފައްޓަވާފައެވެ. ރަށްރަށަށް ވަޑައިގެން ވަރަށް ގާތުން ރައްޔިތުންގެ އަޑު އައްސަވާ ހާލު ބައްލަވަމުންނެވެ.