Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ގައިދީންގެ ފޮޓޯ ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅަނީ

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށް ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނަކުން އަންގައިފި އެވެ.

އެ ނޫސް ބަޔާން ނެރެފައިމިވަނީ އިއްޔެ އިދިކޮޅު ކޯލިޝަނުން މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ހިންގާފައިވަނިކޮށެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެމްޕެއިނަށް ތާއިދު ހޯދުމުގެ ގޮތުން ކޯލިޝަނުން ހިންގި އެ ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ ފޮޓޯ ވަނީ ބޭނުންކޮށްފައިއެވެ.

މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒް ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުންނާއި، ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ހިމެނޭގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާ ގަވާއިދާ ހިލާފު ހަރަކާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެއްވެސް ފަރާތަކުން ހެދިފައިވާ ގާނޫނުތަކާ ގަވާއިދާ ހިލާފަށް އެފަދަ ހަރަކާތްތައް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.