ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، މި މަހުގެ 12 ވަނަ ދުވަހު ހަމަ ވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާ ބެހޭ ފޯމް، ޤައުމީ އިނާމާ ބެހޭ ކޮމިޓީ އަށް ހުށަހަޅުއްވަން ޖެހެނީ، އެ ދުވަހު އޮފީސް ބަންދުވުމުގެ ކުރިންނެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، ޤައުމީ އިނާމާ ބެހޭ ކޮމިޓީ އަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށެވެ.
ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޤައުމީ އިނާމާ ބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.
މިފަހަރު ފުރްޞަތު ހުޅުއްވާލެއްވި އިރު، އިނާމު ދެއްވާ ދާއިރާތަކަށާއި ރޮނގުތަކުން އިނާމު ދެއްވުމުގައި، މިހާތަނަށް ބައްލަވަމުން ގެންދެވި ކަންކަމަށް އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެ އެވެ.
މި ފަހަރު ބަދަލެއް ގެންނަވާފައި ނުވަނީ، އިނާމު ދެއްވުމުގެ އުޞޫލުތަކަށާއި ކަންކަމަށް މިދިޔަ އަހަރު މުހިންމު ބަދަލުތަކެއް ގެންނަވާފައިވުމާއެކު، އެ ބަދަލުތަކުން ލިބިވަޑައިގެންނެވި ތަޖުރިބާތަކަށް ބައްލަވާއިރު، މިއަހަރު އިތުރު ބަދަލެއް ގެންނަވަންޖެހޭ ކަމަށް ކޮމިޓީއަށް ފެނިވަޑައި ނުގަންނަވާތީ އެވެ. އެހެން ނަމަވެސް، އިނާމަށް އެދި ހުށަހަޅާ ފޯމަށް ބައެއް ބަދަލު ވަނީ ގެންނަވާފަ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފަ އެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށްވަ ނީ ހަމަޖައްސަވާފަ އެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން، ޤައުމީ އިނާމަށް ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.
"ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް" ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވަމުން ގެންދަވާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެއްވޭނެ އެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.