އާސެނަލް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރ ކޮލެސިނެޗް އަށް އަނިޔާވެ 10 ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ކޮލެސިނެޗް އަށް އަނިޔާވެފައިވަނީ އާސީޒަން ފެށުމަށް ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އޭނާއަށް އަނިޔާވެފައިވަނީ ޗެލްސީއާ އެއްކޮށް ކުޅުނު އެކުވެރި ކަމުގެ މެޗު ތެރެއިންނެވެ.
އާސެނަލް ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި ކޮލެސިނެޗްގެ ކަކުލަށް ވަނީ އަނިޔާ ލިބިފައެވެ. އަދި އެފަދަ އަނިޔާތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުންނަން މަޖުބޫރުކުރުވާ އަނިޔާތަކެކެވެ.
އަނިޔާގެ ސަބަބުން ލީގުގެ އިތުރުން ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް އޭނާއަށް ގެއްލޭނެއެވެ. އަދި ކަރަބައޮ ކަޕްގެ ފުރަތަމަ ބުރުގެ ކުޅުންވެސް ގެއްލޭނެ ކަމަށް ބެލެވެއެވެ.