ބޮލީވުޑްގެ މަޝްހޫރު ބަޠަލް އަނީލް ކަޕޫރްގެ ހަނގު އަންހެން ދަރިފުޅު ކަމަށްވާ ކާމިޔާބު ޕްރޮޑިއުސަރ ރިއާ ކަޕޫރް، ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެ އެވެ.
މަޝްހޫރު އެކްޓްރެސް އަދި ފެޝަން އައިކޮން، ސޯނަމް ކަޕޫރްގެ ކޮއްކޮ ކަމަށްވާ ރިއާ ޗުއްޓީ ހޭދަކުރަމުން ދަނީ ރާެއްޖޭގެ ސޮނެވާ ޖާނީ ރިސޯޓްގަ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ރިއާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.
ރިއާ ކަޕޫރް އެންމެ ފުރަތަމަ ޕްރޮޑިއުސް ކުރި ފިލްމަކީ 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމް "އާއިޝާ" އެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދިޔައީ ރިއާގެ ދައްތަ ސޯނަމް އާއި އަބޭ ޑިއޯލް އެވެ.
އޭގެ ހަތަރު އަހަރު ފަހުން ފިލްމް "ޚޫބްސޫރަތު" ޕްރޮޑިއުސް ކުރުމަށްފަހު، ރިއާ އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި "ވީރޭ ދި ވެޑިން" އެވެ.
ރާއްޖެއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ތަރިންގެ މެދުގައިވެސް ވަރަށް މަޤްބޫލް މަންޒިލެކެވެ.