ޑެންމާކްގައި މޫނުބުރާ އެޅުން މަނާ ކުރާ ޤާނޫނަށް ޢަމަލުކުރަން މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު، މަގުމަތީގައި މޫނުބުރުގާ އަޅައިގެން އުޅުނު އަންހެނަކު އެޤައުމުން ޖޫރިމަނާކޮށްފި އެވެ.
28 އަހަރުގެ މި އަންހެން މީހާ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ޑެންމާކްގެ ވެރިރަށް ކޯޕެންހޭގަންގެ ޝޮޕިން ސެންޓަރެއް ތެރޭގައި އެހެން އަންހަނަކާއެކު ޒުވާބުކުރަމުން ދަނިކޮށެވެ.
އޭނާ ޖޫރިމަނާ ކުރީ މޫނުބުރުގާ ނަގަން ދެކޮޅު ހެދުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ޖޫރިމަނާކޮށްފައި ވަނީ 1،500 ޑޮލަރުންނެވެ.
ޑެންމާކްގައި މޫނުބުރުގާ އެޅުން މަނާކުރާ ޤާނޫނު ފާސްކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ޑެންމާކް އަކީ މި ފަހަކަށް އައިސް ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމްތަކުގެ ތެރެއިން އެފަދަ ޤާނޫނެއް އެންމެ ފަހުން ފާސްކުރި ޤައުމެވެ. މި ޤާނޫނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ޤައުމުގައި ދިރިއުޅޭ ބުރުގާ އަޅާ މުސްލިމް އަންހެނުންނަށެވެ.
އަލަށް ފާސްކުރި މި ޤާނޫނުގައި މުސްލިމް އަންހެނުންގެ ވާހަކަ ސީދާ ގެނެސްފައި ނުވީނަމަވެސް، ޤާނޫނުގައި ބުނަނީ އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ ކޮންމެ މީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ޤާނޫނަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުންފަދަ ކަމެއް ކަމަށް ސިފަކޮށްފައެވެ.
އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރި އެންމެ ފުރަތަމަ ޤައުމަކީ ފްރާންސް އެވެ. 2011 ވަނަ ފްރާންސް އިން އެ ޤާނޫނު ފާސްކުރިއިރު، އޭގެ މަސްތަކެއް ފަހުން ބެލްޖިއަމް އިން ވެސް ވަނީ ކާކުކަން ނޭނގޭފަދަ ފޭރާން އާންމު ތަންތަނުގައި ލުން މަނާކޮށްފަ އެވެ.