ނ. އަތޮޅު މާފަރުގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓުގައި އަންނަ ހަފްތާގެ ތެރޭގައި ޓެސްޓު ފްލައިޓް ޖައްސަން ތައްޔާރުވެއްޖެ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އާއި ހަވާލާދީ "ސަން" އިން ރިޕޯޓްކުރާ ގޮތުގައި މިހާރު ކުރިއަށްދަނީ ރަންވޭގައި ކުރަހާ މާކުތަކުގެ މަސައްކަތް ކަމަށެވެ.
ސާމީ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އަންނަ ހަފްތާގައި ޓެސްޓް ފްލައިޓް ޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މި މަހުގެ ފަހުކޮޅު އެއާޕޯޓު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.
މާފަރު އެއާޕޯޓް ހަދަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ތަރައްގީ ކުރާ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް އެއާޕޯޓުގައި ހުންނާނެ ކަމަށް ވެ އެވެ.
ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ޓަފް އޮފް ޝޯ" އާއި ހަވާލުކޮށްގެން އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ)ގެ އެހީއާއެކު ތަރައްޤީކުރާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ 2.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ.