އުމުރުން 38 އަހަރުގެ އަންހެނެއްގެ އަނގައަށާއި ނޭފަތަށާއި ލޮލަށް އޭނާގެ ފިރިމީހާ ބާރުގަދަ ތެރަހެއް އެޅުމުގެ ސަބަބުން އޭނާ ނޭވާ ހާސްވެގެން މަރުވެއްޖެ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
މަދްޔަ ޕްރަދޭޝްގެ ވިދިޝާގެ ރާޖްޕޫތު ކޮލޮނީގައި ހުންނަ އެ ދެމަފިރިން ދިރިއުޅޭ ގޭގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި މަރުވި އަންހެން މީހާ (ދުރްގާ ބާއި)ގެ ފިރިމީހާ ހަލްކޭރާމް ކުޝްވަހާ ވަނީ ހަލާކުވެފައިވާ އެއްޗެހި އަލުން ތަތްކުރަން ބޭނުންކުރާފަދަ ބާރުގަދަ ތެރަހެއް ދުރްގާގެ އަނގައާއި ނޭފަތް އަދި ލޮލަށް އަޅާފައި ކަމަށެވެ.
ދުރްގާ މަރާލުމުގެ ކުރިން ހަލްކޭރާމް ވަނީ އޭނާގެ ދެ ފިރިހެން ދަރިން ގާތު ގެއިން ބޭރަށް ދިއުމަށް ބުނެފައެވެ. އެއަށްފަހު ތެރަސް ބޭނުންކޮށްގެން އޭނާ ވަނީ އޭނާގެ އަންހެނުން މަރާލާފައެވެ.
މި ހާދިސާގެ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ މި ދެމަފިރިންގެ ދަރިންގެ ތެރެއިން އެކަކު ގެއަށް އައި އިރު، ދުރްގާ މަރުވެފައި އޮތްވާ ފެނުމުންނެވެ.
އެ 15 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ވަގުތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އެއަށްފަހު ފުލުހުން ވަނީ ދުރްގާ މަރާލިކަމުގެ ތުހުމަތު ހަލްކޭރާމްގެ މައްޗަށް އުފުލައި، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެ ފިރިހެން ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ބައްޕަ އަކީ ރާބޮއި އުޅޭ މީހެއް ކަމަށާއި ވަރަށް ގިނައިން އޭނާގެ މަންމައާއެކު ޒުވާބުކޮށް އުޅޭ މީހެއް ކަމަށެވެ.
އަދި މީގެ ކުރިންވެސް ހަލްކޭރާމް ވަނީ ދުރްގާއަށް ޒަހަރުދީގެން މަރަން މަސައްކަތް ކޮށްފައި ކަމަށްވެސް އެކުއްޖާގެ ބަޔާނުގައި ބުނެފައިވެއެވެ.