Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

އިބޫ ތިމަރަފުއްޓަށް ވަޑައިގެންފި

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ލ. އާއި ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ތ. ތިމަރަފުއްޓަށް ވަޑައިގެންފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އިބޫ ތިމަރަފުއްޓަށް ވަޑައިގެންނެވުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް ވަޑައިގެންފައެވެ.

މި ކެމްޕެއިން ދަތުރުގައި އިބޫގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ވެސް ކޯލިޝަންގައި ހިމެނޭ އިތުރު ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަދާއި މާދަމާ ތ.އަތޮޅުގައި ކެމްޕޭން ކުރެއްވުމަށްފަހު އިބޫ ދެން ވަޑައިގަންނަވާނީ ލ.އަތޮޅަށެވެ. އެއަށްފަހު އެނބުރި މާލެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިބޫ އެކޭ އެއްގޮތަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ދަނީ އެކި އަތޮޅުތަކަށް ދަތުރު ކުރައްވާ ކެމްޕޭން ކުރައްވަމުންނެވެ.