Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

ޓީވީ އަށް ދެވި ހިފާތަ؟

ޓީވީއަކީ ދެވިހިފުވާ އެއްޗެއް ކަމަށް ގަބޫލު ކުރެއްވިއަސް ނުކުރެއްވިއަސް ޢިލްމުވެރިން ވިދާޅުވަނީ ޓީވީއަކީ މަސްތުވާތަކެއްޗަށް މީހަކު ދެވިހިފާހެން ދެވިހިފާ އެއްޗެއްކަމަށެވެ.

ގިނަމީހުން ޓީވީ ބަލަންފައްޓަނީ އެމީހުންގެ ހުސްވަގުތު ދުއްވާލާށެވެ. ކުރާނެ ކަމެއްނެތީމަ ކޮންމެވެސް ކަމެއް ކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް ފަހުން ޓީވީ ވެފައި އޮންނަނީ އެހެން އެއްވެސް ވަގުތެއް މީހާގެ އަތުގައި ނުބާއްވާ އެއްޗަކަށެވެ. ޓީވީ ބެލުމަކީ ކޮންމެދުވަހަކުވެސް ކޮންމެހެން ކުރަން ޖެހޭ އަސާސީ ކަމެއްގެ ގޮތުގައި ވެދެއެވެ. ޓީވީއަށް ދެވިހިފާފައިތިބޭ މީހުން އެދުވަހަކު ޓީވީ ނުބަލައިފިނަމަ އުނިކަން އިޙުސާސް ކުރެއެވެ. ކޮންމެވެސް ކަމެއް ނުކުރޭވޭހެން ހީވެއެވެ. އަދި ޓީވީ ބަލަން ހުއްޓާ ކަރަންޓު ދިޔުން ފަދަ ކަމަކާ ދިމާވެއްޖެނަމަ މަސްތުވާތަކެތި ބޭނުން ކުރާމީހަކު އެ ނުލިބުނީމާ ވާހެން ސިކުނޑިއަށްވެއެވެ.

ގިނައިން ޓީވީ ބަލާމީހުންގެ ސިކުނޑީގެ ކަންތައް ހުންނަނީ ކިހިނެއްތޯ ބަލަންވެގެން، ތަޖުރިބާކުރެވުނު މީހުންގެ ހިތުގެ ވިންދު ޖަހާ ރޭޓާއި، ސިކުނޑީގެ ކަރަންޓު ރާޅުތައް ދަތުރުކުރާ ގޮތް ބެލިއެވެ. ނަތީޖާ ދެއްކިގޮތުން ޓީވީ ބަލާވަގުތު އެމީހުންގެ ސިކުނޑީގެ މަސައްކަތް ވަރަށްބޮޑުތަން ދަށްވެއެވެ. ޓީވީ ނިއްވާލުމުން ކުރިންވެސް ހުރި ހިތްހަމަނުޖެހުމަކާއި ފޫހިކަމެއް އަބުރާ އާދެއެވެ. ވީމައި ހިތްހަމަ ޖެއްސުމައްޓަކައި ޓީވީ ބެލުމަކީ އެދެވޭ ނަތީޖާއެއް ހުރިކަމެއްނޫނެވެ. އަދި މީގެ އިތުރުން ގިނައިން ޓީވީ ބަލާމީހުންގެ ވިސްނައި ފިކުރުކުރުމުގެ ބާރު ދަށްވެއެވެ. ތަޖުރިބާ ކުރެވުނު މީހުން ބުނާ ގޮތުން ކުޅިވަރެއް ކުޅެފައި ނުވަތަ ހޮބީއަކަށް ކޮންމެވެސް ކަމެއް ކުރުމުން މިޒާޖަށް އަންނަ ރަނަގަޅު ބަދަލު ޓީވީ އަކުންނާދެއެވެ.

އަނެއްކޮޅުން ގިނައިން ޓީވީ ބެލުމަކީ މަސްތުވާތަކެތި ބޭނުންކުރާމިހުންނަށްވެސް ވާހެން، މީހާގެ އިޖުތިމާޢި ޙަޔާތަށް ބުރޫތަކެއް އަރާކަމެކެވެ. އަބަދު ޓީވީ ބަލަން ގޭތެރޭގައި ހޭދަކުރުމުން ރައްޓެހިންނާއި މެދު އޮންނަ ގުޅުން ކުޑަވެ ، ގެއިން ބޭރުގައި ހިގާކަންތައްތައް އޭނާއަކަށް ނޭގެއެވެ. އަދި މީހުންދެކެ ލަދުގަތުން އިތުރުވެ ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރު ކެނޑެއެވެ. ގިނައިން ޓީވީ ބެލުމުގެ ގެއްލުން މިހިސާބުން ނިމުނީކީ ނޫނެވެ. ގިނަވަގުތު އެއްތަނެއްގައި އިށީދެގެން ނުުވަތަ އޮށޯވެގެން ތިބެ ޓީވީ ބެލުމަކީ ގިނަބެއްގެ އާދައެކެވެ. ނަތީޖާއަކީ ބުރަކައްޓައް ތަދުވުމާއި ލޮލުގެ މައްސަލަތައްވެސް ކުރިމަތިވުމެވެ. ހަމައެހެންމެ ހަރަކާތްމަދުވެ، ކޮންމެވެސް ޗިޕްސް އެއް ނުވަތަ ޕޮޕްކޯންފަދަ އެއްޗެހި ކެއުމުގެ ސަބަބުން މިނަށްވުރެ ފަލަވުމަކީވެސް ނުރައްކަލުގެ އިންޒާރެކެވެ.

ކުޑަކުދިންނަށް ބަލާއިރު ވަރަށް ނޭދެވޭ އަސަރުތަކެއް ޓީވީ ބަލަން ދެވިހިފުމުން ކުރެއެވެ. އަނިޔާވެރި ފިލްމުތަކުން ފެންނަ ތަޅާފޮޅާ މަންޒަރު ތަކަކީ ކުޑަކުދިންގެ ކިބައިގައި ނޭއްގާނީކަން އަށަގަންނުވާ އެއްޗެކެވެ. ފިލްމެއް ބަލައިފިއްޔާ މުޅި އެދުވަހު ނުވަތަ ހަފްތާގައި އޮންނާނީ ފިލްމުން ބެލި މަންޒަރުތައް ގޭގައި ތަމްސީލު ކުރުމެވެ. ޅަ ކުދިން ގިނައިން ޓީވީ ބެލުމުން އަތުންކުރެވޭ ތަފާތު ހުނަރުވެރި މަސައްކަތަށް ނުފަރިތަވެއެވެ.

ޅައިރުއްސުރެ ޓީވީ ބެލުމަށް ދެވިހިފާ ކުދިން ވާހަކަ ދައްކާ އުމުރަށް އަންނައިރު ވާހަކަ ނުދަައްކާ ކަން ފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ކާޓޫނު ބަލާ ކުދިން ކާޓޫން ކެރެކްޓަރ ތަކުން ވާހަކަ ދައްކާގޮތަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. ވަށައިގެންވާ މާހައުލާއި އުޅޭ މީހުންނަށް އެކުދިންގެ އެއްވެސް ސަމާލު ކަމެއް ނުދެވެއެވެ.

މީގެ އިތުރުން ވަގުތަށް ކަމޭހިތުން ދަށްވުމާއި، ހަށިގަޑަށް ބޭނުންވާ ހެލިފެލިވުން ނެތިގެންދެއެވެ. ހަމައެހެންމެ ޓީވީ ތަކުން ދައްކާ އިޝްތިހާރު ތަކަކީ މީހުން އެޔަށް ހައްލުވުލާލަން ދައްކުވާ އެއްޗެކެވެ. ކުޑަކުދިން ނުވަތަ ފުރާވަރު ކުދިން މިކަންތަކަށް ހެއްލޭ މިންވަރު މަތިވާނެއެވެ. ނަތީޖާއަކަށްވަނީ އިޝްތިހާރުގައި ދައްކާ އެއްޗެހި ގަނެދޭން މައިންބަފައިންނަށް ކުދިން މަޖުބޫރުކުރުވައެވެ. އެހެންވުމުގެ ސަބަބުން ޢާއިލާގެ އިގްތިސާދަށް އޮބިނޯންނަވަރަށް ހަރަދު މައްޗަށް ދާ ފަހަރުވެސް އާދެއެވެ.

ގިނައިން ޓީވީ ބެލުމަކީ މީހާއަށް ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ގެއްލުން ހުރިކަމެއް ކަމަށް ހެލްތު މިނިސްޓްރީ އިން ނުވަތަ ޑަބްލިއު .އެޗް . އޯ އިން ބަޔާނެއް ނެރުމުގެ ކުރިން މިކަމާއިމެދު ފުންކޮށް ވިސްނާލުމަކީ ބުއްދިވެރިކަމެކެވެ. ތިމާގެ ދަރިންނަކީ ސިއްހަތު ރަނގަޅު ކުދިންގެ ގޮތުގައި ބޮޑު ކުރުމަށް ތިމާގެ ޒިންމާ ހަނދާން ކުރުން މުހިއްމެވެ. އެހެން ނޫނީ ވަގުތު ފާއިތުވެދާނެއެވެ.