Last Updated: June 29, 10:39
Sunday, June 29, 2025
މުނިފޫހިފިލުވުން

"އުދަބާނީ 2" ގެ މަސައްކަތް މި އަހަރު ފަށަނީ

މީގެ ހަތަރު އަހަރު ކުރިން ނިކުތް ކާމިޔާބް ބިރުވެރި ފިލްމް "އުދަބާނި" ގެ ދެވަނަ ބައި "އުދަބާނީ 2" ގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖައްސައިފި އެވެ.

އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމްގެ ޕްރޮޑިއުސަރު އަދި ފިލްމްގައި މުހިއްމު ރޯލެއް ވެސް އަދާ ކުރާ ހާމިދު އަލީ އާއި ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނީ "އުދަބާނި 2" ގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

އެގޮތުން ދެވަނަ ބައި ފުރަތަމަ ބަޔަށް ވުރެ މޮޅަށް ހެދުމުގެ ގޮތުން ފުރަތަބައިގެ ހަނދާން ބެލުންތެރިން އާކޮށް ހިޔާލު ދިނުމަށް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ "އުދަބާނި" އޮލިމްޕަހުގައި އަޅުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ވާހަކަ ލިއުންތެރިޔާ މުހައްމަދު ގާސިމްގެ ވާހަކަ "އުދަބާނި" އަށް ހެދި ކާމިޔާބް ފިލްމްގައި ހަރަކާތްތެރިވާ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލް އެވެ. މި ފިލްމްގެ ދެވަނަ ބަައިގެ ވާހަކަ ވެސް ލިޔެފައި ވަނީ ގާސިމެވެ. އަދި މި ވާހަކަ މިހާރު ބާޒާރުން ގަންނަން ވެސް ލިބޭނެ އެވެ.

ހާމިދު ބުނީ "އުދަބާނި 2" އަކީ ކުރީ ފިލްމ ނިމޭޭ ހިސާބުން ދެން ވާނެ ގޮތް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. އެހެންވެ ދެވަނަ ފިލްމްގައި ވެސް މަސައްކަތް ކުރާނީ ހަމަ ކުރީ ފިލްމްގެ ޓީމް ކަމަށް އޭނާ ބުންޏެވެ.

ހުސައިން ސޮބާހް މިއުޒިކް ތައްޔާރުކޮށްދޭ "އުދަބާނި 2" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދިޔަ ނަމަވެސް އެ ފިލްމް ބެލުންތެރިންނާ ހަމައަަށް އަންނާނެ ދުވަހެއް އަދި ބުނަން ދަތި ކަމަށް ޑައިރެކްޓަރާއި ޕްރޮޑިއުސަަރު ވެސް ބުންޏެވެ.

އެހެން ނަމަވެސް އަވަސް އަރުވާލައިގެން އެއްޗަކަށް އެއްޗެއް ހަދަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ކުރީ ފިލްމަށް ވުރެ ހުރިހާ ގޮތަކުން މޮޅު ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ކަމަށް އެ ދެ މީހުން ބުންޏެވެ.

"އުދަބާނީ" އޮލިމްޕަހުގައި ޕްރީމިއާ ކުރުމަށް ފަހު އެކި ފަހަރު މަތިން އެތަނުގައި އަޅުވައި އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ދައްކައިގެން މިލިއަނަކަށް ވުރެ ގިނަ ފައިސާ ހޯދާފައިވެ އެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ބައްޕައަކަށް ޖިންނި އަވަލުމުން، އޭނާގެ ދަރިފުޅުގެ ލޯބިވެރިޔާގެ ސިފައިގައި އައިސް އަންހެން ކުއްޖާ އަށް ގޯނާ ކުރަން އުޅުމުގެ ތެރޭގައި ހިނގާ ބިރުވެރި ހާދިސާތަކެވެެ.