އެމްޑީޕީގެ "ރިމޯޓް" އަދިވެސް އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ކަމަށާއި އެ ޕާޓީއަކީ ވަކި ފިކުރެއްގެ ދަށުން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި ވެރިކަން ކުރުމަށް ފުރުސަތު ލިބުނު ޕާޓީއެއް ކަމަށާއި، އެ ފުރުސަތު އެމްޑީޕީއަށް ރައްޔިތުން ދިނުމުން، ފުރުސަތުގެ ބޭނުން ހިފަން ނޭނގުނު ބައެއް ތިބި ޕާޓީއެއް ކަމަށެވެ.
މުބީން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ނެރުނު ނަމަވެސް، އެމްޑީޕީގެ "ރިމޯޓް" އޮތީ އަދިވެސް ކުރީގެ ރައީސް ނަޝީދުގެ އަތްޕުޅުގައި ކަމަށެވެ.
އެމްޑީޕީ އަކީ ވަކި ފިކުރެއްގެ ދަށުން މަސައްކަތް ކުރާ ޕާޓިއެއް ކަމަށާއި، އެޕާޓީގެ މައިގަނޑު ގަބޫލު ކުރުންތަކާއި ހަމަތައް ހުރީ ހަމަ އެއްގޮތަކަށް ވިދާޅުވިއެވެ. އެމްޑީޕީއަކީ އެމީހުން ގެންގުޅޭ ހަމައެއް، އެމީހުން ގެންގުޅޭ އުސޫލެއްގެ ތެރޭގައި އުޅޭ ބައެއް ކަމުން ދިވެހިރާއްޖޭގެ އެންމެ ކުޑަ ކުއްޖާއަށް ވެސް މުޅި އެމްޑީޕީ ހިނގާނީ ރައީސް ނަޝީދު ބޭނުންވާ ގޮތަކަށް ކަމަށް އެނގޭ ކަމަށް މުބީން ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އަދި ކޮންމެ ތާކު ހުންނެވި ނަމަވެސް އެ ޕާޓީގެ ރިމޯޓް އޮންނާނީ ނަޝީދު އަތުގަ ކަން އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫއަކީ ވެސް ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް މުބީން ވިދާޅުވިއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި އިބޫ ފެއިލްވެފައިވާ ކަމަށް ވިދާޅުވެ އިބޫ އަށް ފާޑުވިދާޅުވިއެވެ.