Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

"ނުރައްކަލެއް އޮތް ނަމަ ހިއްސާ ކުރަން ޖެހޭނެ"

ގައުމަށް ނުރައްކަލެއް އޮތް ނަމަ އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ޖެހޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކް އެކައުންޓްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރާއްޖެ ހަލަބޮލިކޮށް އަމާންކަން ނަގާލަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ ފުލުހުންނާއި ސިފައިން ކައިރިން އެކަންކަން ބަލަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

އެއާ ގުޅުވައިގެން ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެފަދަ ކަންކަމުގެ މައުލޫމާތު މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އާއި 241 ކޮމިޓީއަށް ރައީސް އަބްދުﷲ ޔާމީން ހިއްސާ ކުރައްވަން ޖެހޭނެ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ ސީރިއަސް ކަމެއްކަމުގައިވާނަމަ އެކަން ކުރަންޖެހޭނެ ގޮތަކީ ފޭސްބުކްގައި އެކަން ހާމަ ކުރުން ނޫން ކަމަށެވެ. ރަސްމީކޮށް ޑިފެންސް މިނިސްޓްރީ ނޫނީ ހޯމް މިނިސްޓްރީން އެކަން އިއުލާނު ކުރަން ޖެހޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ އެ ވާހަކަފުޅު ތަކަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.