Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

އިއްތިހާދުން ނުކުތީ ވައްކަމާއި ކޮރަޕްޝަން ނައްތާލަން: އިބޫ

އިދިކޮޅު އިއްތިހާދުން އެކުގައި މަސައްކަތް ކުރަން ފެށީ މިގައުމުގައި ވައްކަމާ ކޮރަޕްޝަން ނައްތާލުމަށް ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ،

މިއަދު ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ތ.ގުރައިދޫ އަށް ވަޑައިގެން އިބޫ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެބޭފުޅުން އެކުގައި މަސައްކަތް ފެށީ މިގައުމުގައި އިންސާފު އެއްވެސް ފަރާތަކަށް ލިބިގެން ނުދާތީ އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

ރައީސް މައުމޫނަށް ބެލިކަމުވިޔަސް، ރައީސް ނަޝީދަށް ބެލިކަމު ވިޔަސް އަދި ޝޭހް އިމްރާނަށް ބެލިކަމުގައި ވިޔަސް އެވަނީ ނުހައްގުން ދައުވާ ކުރެވި އިންސާފުން އެއްކިބާ ކޮށްފައި ކަމަށެވެ.

ރަށުގެ ހާލަތަށް އަލިއަޅުއްވާލައްވާ އިބޫ ވިދާޅުވީ ރަށުގެ ބަނދަރު ފެނިފައި ހައިރާންވި ކަމަށެވެ. ބޭރު ތޮށި އޮތީ ވެއްޓިފައި ކަމަށާއި، އެއްގަމު ތޮށި އޮތީ އަރިއަޅާލާފައި ކަމަށެވެ. މިއީ ރަތްޔިތުންްނަށް ސަރުކާރުން އަޅާނުލާ މިންވަރު ހާމަކޮށްދިން ކުޑަ މިސާލެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ގުރައިދޫގެ ރައްޔިތުންނަށް އިހުމާލު ރައީސް ޔާމީން ވެފައިވާ ކަމަށާއި އެގޮތުން އެރަށަށް ކޮށްދޭން ބުނި ކަންކަން ކޮށްދީފައި ނުވާކަމަށް އިބޫ ވިދާޅުވިއެވެ.

ގުރައިދޫގެ ބިން ހިއްކަން ފަށާ އަދިވެސް ނުނިމި އޮތްކަން ފާހަގަ ކުރެއްވިއެވެ. ހަތަރު އަހަރު ފާއިތުވެ ދިޔައިރު އަދިވެސް ވެލިކޮޅު އަޅައަޅާ ތިބެނީ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގަައި 30 ހެކްޓަރުގެ ބިން 7 ދުވަހުން ހިއްކި ކަމަށް ވެސް ވިދާޅުވިއެވެ.

ގުރައިދޫގެ ބަނދަރު ހެދުމަށް 2015 އަދި 2016 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައި އޮތް ކަމަށް އިބޫ ވަނީ ރައްޔިތުން ގާތު ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދިވެސް މަސައްކަތް ނުނިމި ވާކަން ފާހަގަ ކުރެއްވިއެވެ.

ރަށުގެ ސުކޫލު ހޯލު ހެދުމަށް ވެސް ބަޖެޓުގައި ހިމަނާފައި އޮތް ކަމަށާއި ނަމަވެސް އެ މަސައްކަތް ވެސް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ގުރައިދޫގައި ފުޓްސެލް ދަނޑު ވެސް އެޅުންވީ ބިލާހަކަށް ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އިއްތިހާދުގެ ވެރިކަމެއް އަތުވެއްޖެނަމަ ގުރައިދޫގައި ފަށާފައި ނުނިމި ހުރި މަސައްކަތް ނިންމަދޭނެ ކަމަށް އިބޫ ވަނީ ވިިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ތ.އަތޮޅަށް ކުރައްވާ ދަތުރުގައި ގުރައިދޫ އަށް ފަހު އިބޫ މެންދުުރު ވިލިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިދުކޮޅު އިއްތިހާދުން ބުނެއެވެ. ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު އިބޫ ފެއްޓެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.