Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބްރިޖު މަތީގައި ކުރާ ކައިވެނިތަކުގެ ޚަރަދު ސަރުކާރުން

ސިނަމާލެ ބްރިޖް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ކައިވެނީގެ ހުރިހާ ޚަރަދެއް ސަރުކާރުން ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބްރިޖް މަތީގައި ކައިވެނި ކުރުމަށް ދޫކުރާ ފޯމުގައި ބުނެފައިވާ ގޮތުން، އަންހެން މީހާގެ ކައިވެނީގެ ހެދުމުގެ ޚަރަދަށް ސަރުކާރުން 15،000 ރުފިޔާ ދޭއިރު، ފިރިހެން މީހާގެ ހެދުމަށް 7000 ރުފިޔާ ދޭނެ އެވެ. އަދި އެދުވަހު ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް 5000 ރުފިޔާ ސަރުކާރުން ދޭނެއެވެ.

ކައިވެނީގެ ޙަފްލާގެ ކެއުމުގެ ޚަރަދާއި، ޙަފްލާ އިންތިޒާމްކުރުމުގެ އިތުރުން ފޮޓޯ ނެގުމުގެ ޚަރަދު ވެސް ދޭނީ ސަރުކާރުންނެވެ.

މި ކައިވެނީގެ ހަފުލާގައި ބައިވެރިވެވެނީ ކޮންމެ ކައިވެންޏަކަށް ގިނަ ވެގެން 50 މީހުންނަށެވެ. އަދި ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބްރިޖް މަތީގައި ޕާޓީ ބޭއްވުމަށް ފަސް ތީމެއް ވަނީ ކަނޑައަޅާފައިވާ ކަމަށާއި، ޕާޓީ ބޭއްވުމަށް އެދި ހުށަހަޅާ ފޯމްގައި ދެ ތީމެއް ޚިޔާރު ކުރެވޭނެ ކަމަށެވެ.

އެ ތީމްތަކަކީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ.

މިއަދުން ފެށިގެން 13 އޮގަސްޓް ވާ ހޯމަ ދުވަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ބްރިޖް މަތީ ކައިވެނިކުރަން އެދި ހުށައަޅާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެ އެވެ.

ފޯމު ހުށަހަޅާއިރު، ފެމެލީ ކޯޓުގެ "ކައިވެނީގެ ފޯމު" އާއި އެކަމަށް ބޭނުންވާ އެހެން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހެ އެވެ.

އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައި ނުވާ ނަމަ، އެ އިންތިޒާމް ވެސް އެ މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފަ އެވެ.

މި ބްރިޖަށް ދިވެހިން ކިޔާފައިވާ ނަމަކީ "ސިނަމާލެ ބްރިޖް" އެވެ.

ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި އޮގަސްޓް މަހު ފަހުކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާއިރު، ބްރިޖް ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

މި ބްރިޖް ހުޅުވިގެން ދަތުރު ކުރަން ފެށުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ދޭތެރޭގައި ދަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.