"ސިނަމާލެ ބްރިޖް" މަތީގައި ކުރާ ކައިވެނީގައި ދެމަފިރިންގެ ހެދުމާއި ޒީނަތްތެރިވުމަށް ސަރުކާރުން ޚަރަދު ނުދޭ ގޮތަށް ފޯމަށް ބަދަލު ގެނެސް، އާ ފޯމެއް ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފި އެވެ.
ބްރިޖުމަތީ ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ފޯމު ދޫކުރަން ފެށީ މިއަދު ހެނދުނު އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް އާއި ހަވާލާދީ "ސަން" އިން ރިޕޯޓްކުރާ ގޮތުގައި ފޯމު ދޫކުރަން ފެށުމާ އެކު ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ގިނަ ބަޔަކަށް ފުރުސަތު ދިނުމަށްޓަކައި ވެޑިން ޑްރެސްގެ ޚަރަދު ނުދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީން ދޫކުރި ފޯމުގައި ބުނެފައިވާ ގޮތުން، އަންހެން މީހާގެ ކައިވެނީގެ ހެދުމުގެ ޚަރަދަށް ސަރުކާރުން 15،000 ރުފިޔާ ދޭއިރު، ފިރިހެން މީހާގެ ހެދުމަށް 7000 ރުފިޔާ ދޭނެ އެވެ. އަދި އެދުވަހު ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް 5000 ރުފިޔާ ސަރުކާރުން ދޭނެއެވެ.
އެކަމަކު މި ހުރިހާ ފައިސާއެއް ކަނޑާލައި، މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އާ ފޯމެއް ދޫކުރަން ވަނީ ފަށާފަ އެވެ.
ބްރިޖް މަތީގައި ކުރާ ކައިވެނީގެ ކޮންމެ ހަފުލާއެއްގައި ބައިވެރިވެވެނީ ގިނަ ވެގެން 50 މީހުންނަށެވެ. އަދި ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބްރިޖް މަތީގައި ޕާޓީ ބޭއްވުމަށް ފަސް ތީމެއް ވަނީ ކަނޑައަޅާފައިވާ ކަމަށާއި، ޕާޓީ ބޭއްވުމަށް އެދި ހުށަހަޅާ ފޯމްގައި ދެ ތީމެއް ޚިޔާރު ކުރެވޭނެ ކަމަށެވެ.
އެ ތީމްތަކަކީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ.
މިއަދުން ފެށިގެން 13 އޮގަސްޓް ވާ ހޯމަ ދުވަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ބްރިޖް މަތީ ކައިވެނިކުރަން އެދި ހުށައަޅާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޯމަށް ގެނައި ބަދަލާ އެކު ކުރިން ފޯމު ނެގި މީހުން ވެސް ހުށަހަޅަން ޖެހޭނީ ފަހުގެ ފޯމު ކަމަށެވެ.
ފޯމު ހުށަހަޅާއިރު، ފެމެލީ ކޯޓުގެ "ކައިވެނީގެ ފޯމު" އާއި އެކަމަށް ބޭނުންވާ އެހެން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހެ އެވެ.
އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައި ނުވާ ނަމަ، އެ އިންތިޒާމް ވެސް އެ މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފަ އެވެ.