ގާނޫނީ ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފި އެވެ.
ޑީޖޭއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، "ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ފޯމްގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު އެ ޑިޕާޓްމެންޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ޑީޖޭއޭގެ ވެބްސައިޓް www.judiciary.gov.mv އަދި lawyers.mv އިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެ ޑިޕާޓްމެންޓް އިން ބުނެއެވެ.
ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަން ޖެހެނީ ކޮން ދުވަހެއްގެ ކުރިން ކަމެއް އެ އިއުލާނުގައި ބުނެފައި ނުވެއެވެ.
ވަކީލު ކަމުގެ ހުއްދަ ދެނީ ޤާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ.
އެންމެ ފަހުން ވަކީލުން ހުވާ ކުރުމަށް ބޭވި ރަސްމިއްޔާތުގައި 180 ވަކީލުން ވަނީ ވަކީލު ކަމުގެ ހުވާ ކޮށްފައެވެ.