Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ހަސީނަށް ޕާޓީ އުފައްދަން ހުއްދަ ދީފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދުމުގެ ހުއްދަ މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އަށް މިއަދު ދީފިއެވެ.

އިލެކްޝަން ކަމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ލޭބަ އެންޑު ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ހަސީން އިސްވެ ހުންނަވައިގެން އުފައްދާ މި ޕާޓީގެ ހުއްދައަށް ފުރަތަމައަށް އިލެކްޝަނަށް ހުށަހެޅުމުން ޕާޓީގެ ނަމް ބަދަލު ކުރުމަށް އިލެކްޝަނުން އެންގިއެވެ. އޭރު ޕާޓީއަށް ކިޔާފައިވާ ނަމަކީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ (ލޭބާ ޕާޓީ)" އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން، ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މިވަގުތު ހަ ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވަމުންދާ އިރު ގިނަ ޕާޓީތައް އެކުވެ މިހާރު ވަނީ ކޯލީޝަނެއް ހަދާފައެވެ. އަދި ޕީޕީއެމް ވެރިކަން ކުރަމުން އަންނަނީ ވެސް އެމްޑީއޭ އާއި އެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ.