Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

އިންޑޮނޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް

ދިވެހިންގެ މެދުގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ވަރަށް މަޤްބޫލް މަންޒިލެއް ކަމަށްވާ އިންޑޮނޭޝިއާގެ ބާލީ އަށް ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާގެ ގިނަ ސަރަޙައްދުތަކަށް ވަނީ ސުނާމީ އެލާޓެއް ވެސް ނެރެފައެވެ.

ސުނާމީ އެލާޓް ނެރެފައި ވަނީ އުތުރު ލޮމްބޮކް އާއި އިރުމަތީ އަދި އުތުރު ބާލީގެ އިތުރުން އީސްޓް ޖާވާގެ އުތުރު ފަރާތަށާއި، އިރުދެކުނު މަދޫރާ އާއި ދެކުނު ކަލިމަންތަން އާއި ދެކުނު ސުލަވެސީ އަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް އާއެކު ބާލީގައި ޗުއްޓީ ހޭދަކުރަމުން އަންނަ އޭނާގެ އަނބިމީހާ، މޮޑެލް ކްރިސްޓީން ޓައިގެން ވެސް ވަނީ ބިންހެލުމުގެ ޚަބަރު ޓްވީޓްކޮށްފަ އެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލާއި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ޚަބަރެއް އަދި ނުލިބެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންލެހުން އައިސްފައި ވަނީ ބިމުގެ 6.5 މޭލު އަޑިންނެވެ.

ނިމިގެންދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ވެސް އިންޑޮނޭޝިއާގެ ލޮމްބޮކް އަށް އައި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 16 މީހުން މަރުވެ، 1،400 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ.

ބާލީ ފަދައިން ލޮމްބޮކް އަކީވެސް އެ ރަށުގެ ރީތި ގޮނޑުދޮށްތަކާއި ފަރުބަދަތަކަށް މަޝްހޫރު ރަށެކެވެ. ލޮމްބޮކް އާއި ބާލީގައި އަޅާ ހޮޓެލްތައް އެ ސަރަޙައްދުތަކުގައި ތިބޭ ރުށްތަކަށް ވުރެ އުސްކޮށް އެޅުމަކީ މަނާ ކަމެކެވެ.

އިންޑޮނޭޝިއާ އަކީ ބިންހެލުން އައުން ވަރަށް އާންމު ޤައުމެކެވެ. 2004 ވަނަ އަހަރު އެޤައުމުގެ ސުމަޓްރާ އަށް އައި 9.1 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ސަބަބުން އެރި ސުނާމީގައި ދުނިޔޭގެ އެކި ޤައުމްތަކުން 230،000 މީހުން ވަނީ މަރުވެފައެވެ.