ސިއްޙީ ދާއިރާއިން ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް 11 ދަރިވަރަަކަށް ލޯނު ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ނިންމައިފިއެވެ.
ޑީއެޗްއީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޭޕާލްގެ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ޕޯސްޓްގްރެޖުއޭޓް ޑިގްރީ ޙާސިލްކުރުމަށް 11 ލޯނުގެ ފުރުސަތު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ލޯން ދޫކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ އެނެސްތީސިއާ، ރޭޑިއޮލޮޖީ، ސައިކޭޓްރީ، އިންޓާނަލް މެޑިސިން، ޖެނެރަލް ސާޖަރީ، ގައިނޮކޮލޮޖީ، ޕީޑިއޭޓްރިކްސް، އީއެންޓީ، އޯތޮޕެޑިކްސް އެންޑް ޓްރޯމާ ސާޖަރީގެ އިތުރުން ޕްރޮސްތުޑޮންޓިކްސް އަދި އެންޑޮޑޮންޓިކްސް އެވެ.
މީގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެއް ލޯނުގެ ފުރުސަތެވެ.
މި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވުމާއެކު 8 އޯގަސްޓް 2018 ގެ ނިޔަލަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލެއް ނުވަތަ ސިއްޙީ ޚިދުމަތް ދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވެސް ވާން ޖެހެއެވެ.
މި ލޯނުގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކަކާއެކު 9 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ޑީއެޗްއީ އަށް ހުށަހަޅަން ޖެހޭނެ އެވެ.
ލޯނަށް އެދި ހުށައަޅާ ފޯމު 5 އޯގަސްޓް 2018 އިން 9 އޯގަސްޓް 2018 ގެ ނިޔަލަށް އެ ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.