ބްރިޖްގައި ކުރާ ކައިވެނި ތަކަށް އަލިއަޅުވާލާ، ރައީސް ޔާމީންގެ ވިސްނުން ހުރީ ކައިވެނި ވެސް ގަނެލަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ޒުވާން އަންހެން ކުއްޖަކަށް އަދި ފިރިހެން ކުއްޖަކަށް އަންނަ އެންމެ އުފާވެރި އެއް ދުވަހަކީ އެމީހުން ކައިވެނި ކުރާ ދުވަސް ކަމަށެވެ.
" ޔާމީންގެ ވިސްނުން މިހިރީ ކައިވެނި ވެސް ގަނެލަން. ބްރިޖްގަ ކައިވެނި ކުރިޔަސް، އެ ދޭ ފައިސާގަ ނުހިފާތި. އެހެން ނޫނީ އުމުރަށް ގޮވާނެ ތިމަންނަމެންނޭ ކައިވެނި ކޮށްދިނީ" މަހްލޫފް ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1026051283533221888
ބްރިޖުމަތީގައި ކައިވެނިކުރާ ފަރާތްތަކަށް ދޫކުރާ ފޯމުގައި ވަނީ އަންހެން މީހާގެ ކައިވެނީގެ ހެދުމަށް 15000 ރުފިޔާ އަދި ފިރިހެން މީހާގެ ހެދުމަށް 7000 ރުފިޔާ ދޭނެކަމަށް ބުނެފައެވެ. އަދި ޒީނައްތެރިވުމަށް 5000 ރުފިޔާ ދޭނެކަމަށް ފޯމުގައި ބުނެއެވެ. އެހެންނަމަވެސް އެފޯމު ބާތިލުކޮށް މިހާރު ވަނީ އަލުން އާ ފޯމެއް މިއަދު މެންދުރުފަހު 13:30 އިން ފެށިގެން ދޫކުރަން ފަށާފައެވެ.
ބްރިޖުމަތީގައި ކައިވެނިކުރާ ފަރާތްތަކުގެ ހެދުމުގެ ހަރަދު ސަރުކާރުން އުނިކުރުމާއެކު ބްރިޖުގައި ކައިވެނިކުރާ ފަރާތްތަކުގެ ތެރެއިން މިހާރު ސަރުކާރުން ހަރަދުކުރާނީ ކައިވެނީގެ ހަފުލާގެ ކެއުމުގެ ހަރަދުތަކާއި ފޮޓޯ ނެގުމުގެ ހަރަދު އެކަނި ކަމަށް މައުލޫމާތު ލިބެއެވެ. ކޮންމެ ހަފުލާއެއްގައި ވެސް ގިނަ ވެގެން ބައިވެރިވެވޭނީ 50 މީހުންނަށެވެ.
ކައިވެނީގެ ހެދުމުގެ ހަރަދު އުނިކޮށްފައި މިވަނީ ގިނަ ބަޔަކު ބްރިޖު މަތީގައި ކައިވެނިކުރުމަށް އެދި ފޯމު ނަގަމުންދާތީއެވެ. އެގޮތުން ބްރިޖުގައި ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ފޯމު ދޫކުރަން ފަށާފައިވާއިރު މިހާތަނަށް 250 ހެއްހާ މީހުން ވަނީ ފޯމު ނަގާފައެވެ.