Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

އީދު ބަންދުގެ ތެރެއިން 22 ގައި މާލީ އިދާރާތައް ހުޅުވަނީ

އެމްއެމްއޭ ހެޑް އޮފީސް - ފޮޓޯ: މުހައްމަދު ޝަރުހާން (މިހާރު)

ކުރިއަށް އޮތް އަޟްހާ އީދު ބަންދުގެ ތެރެއިން މި މަހުގެ 22 ވަނަ ދުވަހު ދައުލަތުގެ މާލީ އިދާރާތައް ހުޅުވާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި 19 އޮގަސްޓް ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ، އެ އޮތޯރިޓީ އާއި ބޭންކުތަކާއި އެމްއެމްއޭ އިން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ޚިދުމަތް ދިނުމަށް 22 އޮގަސްޓް ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެމްއެމްއޭ އިން 22 އޮގަސްޓް ވާ ބުދަ ދުވަހު ޚިދުމަތް ދޭނެ ގަޑިތައް:

– ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް.
– ބޭންކިންގ ޚިދުމަތް (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން 11:00 އަށް.
– ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 3:00 އަށް

ކަލަންޑަރުގައި ވާ ގޮތަށް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓް އަށް ވެއްޖެނަމަ، 19 އޮގަސްޓް އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިގޮތަށް ހަމަޖައްސަވާފައި ވަނީ މެދުކެނޑުމެއް ނެތި މުވައްޒަފުންނަށް އީދު ބަންދު ދުވަސްތައް ލިބިދިނުމަށްޓަކައި ކަމަށެވެ.

އެހެންކަމުން، މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުން ދުވަހަށްފަހު ސަރުކާރުގެ އޮފީސްތައް ބަންދުވާނެ އެވެ. ދެން ސަރުކާރު ހުޅުވޭނީ އަޟްހާ އީދު ބަންދަށްފަހު، އޮގަސްޓް މަހުގެ 26 ވާ އާދިއްތަ ދުވަހު އެވެ.

އޮގަސްޓް 19 އަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައެޅުމާއެކު، މި އަހަރުގެ ބޮޑު އީދު ޗުއްޓީގެ ގޮތުގައި ޖުމްލަ ނުވަ ދުވަސް ލިބިގެންދާނެ އެވެ.