Last Updated: June 10, 20:13
Wednesday, June 10, 2026
ރިޕޯޓް

އައްޑޫ-ފުވައްމުލައް ކުޅި ތަރައްގީ ޕްރޮޖެކްޓް ލޯންޗްކޮށްފި

ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑު އާއި ފުވައްމުލަކުގެ ކުޅި ތަރައްގީކޮށް އެތަނުގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއު މިއަދު ލޯންޗްކޮށްފި އެވެ.

އެ މަޝްރޫއު ލޯންޗް ކުރަން މިއަދު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގެ ކުޅި އާއި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއު ސްޕޭންގެ ހިޑްރިއާ ކުންފުޏަށް 7.7 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ ކަމަށެވެ.

ވޯލްޑް ބޭނުންކާއި ދިވެހި ސަރުކާރާ ގުޅިގެން ގާއިމުކޮށްފައިވާ ކުލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް (ސީސީޓީއެފް) ގެ ދަށުން ފެށި މަޝްރޫއުއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑު އަށް ނިސްބަތްވެވެޑައިގަންނަވާ ޑރ. ޝަކީލާ ވިދާޅުވީ ކުޅިތަކާއި ޗަސް ބިންތަކުގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތް ކުރެވޭނެ ގޮތްތަކެއް ތައާރަފް ކުރުމަށް ހަވާލުކުރުމަށް ފެށި މަޝްރޫއު ހިންގުމަށް ހަމަ ޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

"ފުރަތަމަ މަރުހަލާގައި ކޮންޒަވޭޝަން ޕްލޭންތަކެއް ތައްޔާރުކުރުމާއި އީކޯ ޓޫރިޒަމް ޑިޒައިން ކުރުމާއި މި ރަށްރަށުގެ ފެން ހިންދޭނެ ނިޒާމް ފަރުމާކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ހިޑްރިއާގެ ފަރާތުން ކުރިއަށްގެންދާނެ. އަދި މި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާ ކަމުގައިވާ ތަންފީޒީ މަރުހަލާގައި އީކޯ ޓޫރިޒަމް ފެލިޓީއެއް ވެސް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ރަނގަޅުކުރުމުގެ އަމަކީ މަސައްކަތް ވެސް ކުރިއަށްގެން ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންޒަވޭޝަން ޕްލޭނެއްގެ ދަށުން މީހުން އުޅެމުންދާ ރަށެއްގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރެވިގެންދާ މިއީ ފުރަތަމަ ފަހަރު ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިތުރު ރަށްތަކެއްގައި އެ މަޝްރޫއުތައް ހިންގުމަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒެއް ކަމަށް ޑރ. ޝަކީލާ ވިދާޅުވި އެވެ.
އަދި ހަމަ އެހެންމެ ރަށްތަކުގެ ކުޅިތަކާއި ޗަސް ބިންތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ތަންތަނުން އިގުތިސާދީ މަންފާ ލިބޭނެ ގޮތަށް އެތަންތަން ހިމާޔަތްވެފައި އޮތުމަކީ އެތަންތަނާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެގެ ންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.