ޕީޕީއެމުން ބޭނުންވަނީ ސެޕްޓެމްބަރު 23 ގައި އިންތިހާބު ބާއްވަންކަމަށާއި، އެހެން ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިވެ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ފަސްކޮށްފިނަމަ، އެކަން ގަބޫލުކުރާނެކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިހެން ބުނެފައިމިވަނީ ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އިންތިހާބު ފަސްކޮށް، އިންތިހާބު ނުބޭއްވުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އެ ތުހުމަތުތަކަށް ހ. ސަކީނާމަންޒިލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވަނީ ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ޕީޕީއެމުން ބޭނުން ނުވާކަމަށެވެ. ޕީޕީއެމުން ބޭނުންވަނީ އޮމާންކަމާއެކު އިންތިހާބު ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށްކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އިންތިހާބު ދެކެ ބިރުން ސަރުކާރުން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިނަމަވެސް، އެއީ ދޮގެއްކަމަށާއި، އިންތިހާބުދެކެ ބިރުން ސަރުކާރާއި، ޕީޕީއެމް ނޫޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ.އެމްވީގެ ނޫސްވެރިޔަކު ވަނީ އިންތިހާބު ފަސްކުރުމަށް އިލެކްޝްންސް ކޮމިޝަނުން ނިންމައިފިނަމަ އެކަމަށް ޕީޕީއެމުން ތާއީދުކުރާނަންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެ އެފަދަ ނިންމުމެއް ނިންމައިފިނަމަ ޕީޕީއެމުން އެފަދަ ނިންމުމަކާއި ދޭތެރޭ ކުރާނެ ކަމެއް ނޯންނާނެކަމަށެވެ. އެފަދަ ހާލަތު މެދުވެރި ވެއްޖެއްޔާ އެކަން އެނގޭނީ އެ ބޭފުޅުންނަށް އެކަންޏެއް ނޫން ކަމަށާއި ރައްޔިތުންނަށް ވެސް އެއީ ކިހާ ވަރެއްގެ ހާލަތެއްކަން އެނގޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ބޭނުންވަނީ 23 ސެޕްޓެމްބަރުގައި އިންތިޚާބު ބާއްވަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނުސީދާ ބަހުން އިދިކޮޅަށް އަމާޒުވާ ޒާތަށް ވާހަކަ ދައްކަވަމުން އަދުރޭ އިތުރަށް ވިދާޅުވީ ޤައުމުގައި ހަމަނުޖެހުން ހިންގަނީ ކޮން ބައެއްކަން ތާރީހުން ސާފުވާ ކަމަށެވެ. އަދި ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާންކަން ނަގާލުމަށް ދެންވެސް މަސައްކަތްކުރާނީ ކޮން ބައެއްކަން ސާފުވާކަމަށް އަދުރޭ ވިދާޅުވި އެވެ.