Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

އިދިކޮޅުން ވަނީ ޕީޕީއެމް މެނިފެސްޓޯ ކޮޕީކޮށްފައި: ނިހާން

ރިޔާސީ އިންތިޙާބަށް ތައްޔާރުވަމުން އަންނަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ އަމިއްލަ މެނިފެސްޓޯއެއް ވެސް ނެތްކަމަށާއި، އެ ފަރާތްތަކުގެ ކެމްޕެއިން ތަކުގައި ވިއްކާ މެނިފެސްޓޯއަކީ ޕީޕީއެމް މެނިފެސްޓޯގެ ކޮޕީއެއް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިޚާބު ފަސްކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނިހާން ވިދާޅުވީ، ތިންލައްކަ އަށާރަހާހުގެ އާބާދީއަކަށް އަމާޒުކޮށް ވިލިމާލެ 2 ގެ ބިޔަ މަޝްރޫޢުގެ ވާހަކަ ރައީސް ޔާމީން ޢިއުލާންކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް މަދުވެގެން 1000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބޭނެ ފަދަ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމުގެ ތަޞައްވުރު ހާމަކުރައްވައި، ބޯހިޔާވަހިކަން ނެތް ދިވެހިރައްޔިތަކު ދެން ނުހުންނާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް އޭގެ ދެތިން ދުވަސް ފަހުން އެކަންކަން ކޮޕީކޮށްގެން އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން އެކަން ކުރާނެ ގޮތެއްވެސް ބުނެދެވިފައި ނުވާކަމަށް ނިހާން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ފްލެޓްގެ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ނިހާނު ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުގައި އަޅަން އުޅުނު ފްލެޓްތަކަށް ވީގޮތް ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރައްވާ ނިހާން އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯ ކޮޕީކޮށްގެން ވާހަކަ ދެއްކިނަމަވެސް މި ސަރުކާރު ނޫނީ އެފަދަ އެއްވެސް ކަމެއް ކުރުމުގެ ޤާބިލު، އެއްވެސް ސަރުކާރެއް ނެތް ކަމަށެވެ. އަދި ތަފާތު ވާހަކަތައް ދައްކައިގެން ރައްޔިތުން ގުނބޯ ހައްދަން އުޅުނު ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ފަލްސަފާއަކީ ބިނާކުރުން ނޫން ކަމަށާއި އެ ފަރާތްތަކުގެ ފަލްސަފާގައި ލިޔެފައި ވަނީ ފަނާކުރުން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.